ކުޅިވަރު

އޭޝިޔަން ބީޗު ވޮލީމުބާރާތް ބާއްވަން ރާއްޖެއިން މަސައްކަތް ކުރަނީ


ނަވާރަ އަހަރުން ދަށުގެ އޭޝިޔަން ބީޗް ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އެކަން ކާމިޔާބުކުރުމުގެ މަސައްކަތް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ފަށައިފިއެވެ.

 އޭވީސީގެ އަންނަ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ބާއްވާނެ ތަނެއް ކަނޑަ ނާޅާ އޮތް ހަމައެކަނި މުބާރާތަކީވެސް އަންނަ އަހަރުގެ މާރޗް މަހުގެ ކުރިން ބާއްވަން ޝެޑިއުލްކޮށްފައިވާ ނަވާރަ އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތެވެ. ރާއްޖެއިން މަސައްކަތް ކުރަނީ އެމުބާރާތުގެ ފިރިހެން ޑިވިޝަން ރާއްޖޭގައި ބޭއްވުމަށެވެ. އޭވީސީގެ ބޯޑް މެމްބަރު އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވި އެމުބާރާތް ރާއްޖޭގައި ބާއްވަން ބޭނުންވަނީ ފަތުރުވެރިކަން ޕްރޮމޯޓްވާގޮތަށް، ރާއްޖޭގެ ރީތިކަން އޭޝިޔާގެ ޤައުމުތަކަށް ދައްކައިގެންކަމަށެވެ. އެގޮތުން މުބާރާތް ބާއްވަން ބޭނުންވަނީ ރިސޯރޓެއްގައި ކަމަށާއި، އެމަޝްވަރާތައް ޓޫރިޒަމް މިނިސްޓްރީއާއެކު ކުރައްވާނެކަމަށެވެ.

" ޓުއަރިޒަމް އިވެންޓެއްގެ ގޮތުގައި މިކަން ބޭއްވިޖެއްނަމަ ވަރަށް ކާމިޔާބު އިވެންޓަކަށްވާނެ. މާލޭގައި ބާއްވަން ޖެހިއްޖިއްޔާ މިހާރު މާލޭގައި ބީޗް ވޮލީ ކުޅޭ ކޯޓް އަޅުގަނޑުމެން ޖެހޭނެ ޑިވެލޮޕް ކުރަން. ފްރީ ސްޕޭސް ނެތުމުގެ ސަބަބުން އަޅުގަނޑުމެން ޖެހޭނެ ސްޕޭސް އިތުރުކޮށްފަ އަދި ސިޑިބަރިއާ އެއްޗިހިވެސް ތަޅާލަން. ރަނގަޅަށް ދެކޯޓް އިންޓަރނޭޝަނަލް ފެންވަރަށް އަޅުގަނޑުމެން ހަދަން ޖެހޭނީ. އެކަންވެސް އަޅުގަނޑުމެންނަށް ކުރެވޭނެ. އެކަމަކު ބޮޑަށް ބޭނުންވަނީ ޓޫރިޒަމް އިވެންޓެއްގެ ގޮތުގައި ރިސޯރޓެއްގައި ބާއްވަން. " އޭވީސީ ބޯޑް މެމްބަރުކަމަށް އިންތިޚާބުވުމަށްފަހު ކޮންގްރެސްގެ ތެރެއިން ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވިއެވެ.

މިއަހަރުވެސް ރާއްޖެއިން ވަނީ އޭވީސީގެ ދެ މުބާރާތެއް ބާއްވާފައެވެ. އަންނަ އަހަރު އޭވީސީ މުބާރާތެއް ބާއްވަން ރާއްޖެއަށް އޮތް ހަމައެކަނި ފުރުޞަތކީ ނަވާރަ އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތެވެ. އެފްއައިވީބީގެ ރައީސް އޭޝިޔާގެ ޤައުމުތަކާ މުޙާތަބުކުރައްވާ ވިދާޅުވެފައިވަނީ ވޮލީ ކުރިއަށްގެންދަން ބޭނުންމަމަ ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފަން ޖެހޭކަމަށާއި، ކިތަންމެ ކުޑަނަމަވެސް ފުރުޞަތެއް ލިބިއްޖެނަމަ ބޭނުންކުރަން އިލްތިމާސްކުރައްވާ ކަމަށެވެ.