ކުޅިވަރު

ގަލާޑޯ ނިއު ދޫކޮށް، ސްޕޭނަށް ދަނީ


ނިއުރޭޑިއަންޓްގެ ސްޕޭން ފޯވަޑް އެޑްރިއަން ގަލާޑޯ ކުރިއަށް އޮތް މެޗަށް ފަހު އެނބުރި ޤައުމަށް ގައުމަށް ދިއުމަށް ނިންމައިފިއެވެ.

ނިއުގެ އިސް އޮފިޝަލަކު ބުނީ ސީޒަނުގައި ބާކީ އެފްއޭކަޕާއި ގައުމީ މުބާރާތް އޮއްވައި ގަލާޑޯ ކުލަބާ ވަކިވާން ނިންމީ ސްޕޭނުގެ ކުލަބަކުން ރަނގަޅު ހުށަހެޅުމެއް ލިބުމުން ކަމަށެވެ.

މި ސީޒަނުގައި ނިއަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ގަލާޑޯ ވަނީ މާލޭ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިހާތަނަށް 19 ގޯލު އޭނާ ޖަހާފައިވާއިރު ފަހަކަށް އައިސް ގަލާޑޯގެ ގޯލް ޖެހުން ވަނީ މަދުވެފައެވެ.

ނިއުރޭޑިއަންޓާ ގަލާޑޯ ވަކިވާއިރު އޭނާގެ ހިއްސާއާއެކު އެޓީމު ވަނީ ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކޮށް، އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދާފައެވެ. ނިއުގައި ތިބި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރު ރުއިޒް ކަންޑޭލާގެ ކޮންޓްރެކްޓް އަންނަ އަހަރަށް އާކޮށްފައިވާއިރު، އަނެއް ތިން ކުޅުންތެރިންނާމެދު ނިއުއިން ވަނީ ގޮތެއް ނިންމުން ފަސްކޮށްފައެވެ.