ކުޅިވަރު

މޮރީނިއޯ ގެންދާނަމަ 20 މިލިއަން ޕައުންޑް ދައްކަންޖެހޭނެ!


ކޯޗު ހޯސޭ މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑުން ގެންދަން ބޭނުންވާ ކުލަބަކުން މަދުވެގެން 20 މިލިއަން ދައްކަން ޖެހޭނެ ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވި މޮރީނިއޯ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރެވެ. ނަމަވެސް އޭނާގެ އެހީ ހޯދުމަށް ފްރާންސްގެ މުއްސަދި ކުލަބިު ޕީއެސްޖީ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން މި ސީޒަން ނިމުމުގެ ކުރިން މޮރީނިއޯއާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސާ އެލެކްސް ފާގަސަންގެ ކާމިޔާބު 27 އަހަރަށް ފަހު ޔުނައިޓެޑަށް ދެން އައި ދެ ކޯޗުންނާއެކު އައި ބޮޑު ހަރީފު މޫސުމެކެވެ. ނަމަވެސް މޮރީނިއޯ ހަވާލުވެ މިދިޔަ ސީޒަނުގައި އެކަނި ވެސް ތިން ތަށި ހޯދައިދިނުމުން ޔުނައިޓެޑުން ބޭނުންވަނީ މޮރީނިއޯ ދިގު މުއްދަތެއްގައި ކުލަބުގައި ހުރުމަށެވެ.

މިކަމަށް އެކުލަބުން މަސައްކަތް ކުރަމުންދާއިރު އަހަރަކު އާމްދަނީގެ ގޮތުގައި މޮރީނިއޯ އަށް މިހާރު ދެމުން އަންނަ 10 މިލިއަން ޕައުންޑް އިތުރުކުރުމަށް ވެސް ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށް އިނގިރޭސި ނޫސްތަކުން ދަނީ ބުނަމުންނެވެ.

ޔުނައިޓެޑުން ޓީމުގެ އެކަޑަމީން ކުޅުންތެރިން އުފައްދަން ހާއްސަ ސަމާލުކަމެއް ދީފައިވާއިރު މޮރީނިއޯގެ ޕްލޭނަށް އެކުލަބުން ވަނީ އާނބަސް ބުނެފައެވެ. މި ގޮތުން އޭނާ ބޭނުންވާ ކުޅުންތެރިން ގަތުމަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފައިވާއިރު ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ނުފެނުން ގާތް ކުޅުންތެރިއެކެވެ. އެއީ 33 އަހަރުގެ ކުޅުންތެރިޔާގެ އުމުރު މިހާރު މަތިވަމުންދާތީއެވެ.