ކުޅިވަރު

ބާސެލޯނާ އަދި ބަލިވާނެ, މިހުރީ އުއްމީދުގައި - ޒިދާން


ވާދަވެރި ބާސެލޯނާ 10 ޕޮއިންޓް ކުރީގައި އޮތް ނަމަވެސް ރެއާލް މެޑްރިޑް އޮތީ ލީގު ޗެމްޕިއަންކަން ދިފާއު ކުރުމުގެ އުއްމީދުގައި ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ސްޕެނިޝް ލީގުގެ އެންމެ ވާދަވެރި ދެ ޓީމުގެ ފަހަރު 10 ޕޮއިންޓަށް އެރުމުން ޒިދާން ބުނީ ބާސެލޯނާ އަކީ ހުރިހާ މެޗަކުން މޮޅުވެވޭނެ ޓީމެއްނޫން ކަމަށެވެ. އަދި ކޮންމެ މެޗަކުން ތިން ޕޮއިންޓް ހޯދުމުގެ ބަދަލުގައި ކުރިއަށް ހުރި މެޗުތަކުން ބާސެލޯނާ އަށް ޕޮއިންޓްތަކެއް ގެއްލޭނެ ކަމަށެވެ. މިހެންވެ ރެއާލް މެޑްރިޑަށް މިވަގުތު 10 ޕޮއިންޓް ފަހަތުގައި އޮތުމަކީ މައްސަަލައެއްްނޫން ކަމަށެވެ.

ޒިދާން ބުނީ މީގެ ދެ އަހަރު ކުރިން އޭނާ ކޯޗުކަމާ ހަވާލުވިއިރު ވެސް ރެއާލް އޮތީ 10 ޕޮއިންޓް ފަހަތުގައި ކަމަށާއި ނަމަވެސް ލީގު ނިމުނުއިރު ބާސެލޯނާ އަށް ކުރި ލިބުނީ އެންމެ ޕޮއިންޓަކުން ކަމަށެވެ. މިހެންވެ މިފަދަ ކަންކަމަކީ ވަރަށް ބޮޑަށް އުއްމީދު އާވެގެންދާ ހަނދާންތަކެއް ކަމަށެވެ.

ޒިދާން ބުނީ މިވަގުތު ޓީމު އޮތީ އެންމެ ރަނގަޅ ފޯމުގައި ނޫން ކަމަށް ގަބޫލު ކުރާ ކަމަށާއި ކޮންމެ ބަޔަކަށް ވެސް ގޯސްދުވަސްތައް އަންނާނެ ކަމަށެވެ.