ދީނާއި އަޅުކަން

މަހާސިންތާއިން ނިންމި ކަންތައްތައް ފޮތެއްގެ ގޮތުގައި ނެރެނީ


ޢިލްމުވެރިންގެ ފަސްވަނަ މަހާސިންތާގައި ނިންމި ކަންތައްތަކާއި ހުށަހެޅި ކަރުދާސްތައް ކައިރި މުސްތަޤްބަލެއްގައި ފޮތްތެއްގެ ސިފައިގަ ޗާޕްކޮށް މުޖުތަމަޢަށް ނެރޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ. 

އިލްމްވެރިންގެ ފަސްވަނަ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ބޭއްވި މަހާސިންތާތަކުން ގިނަ ފައިދާތަކެއް ލިބިފައިވާކަމަށާއި އެ މަހާސިންތާތަކަށް ހުށަހެޅި ކަރުދާސްތައް ފޮތްތަކެއްގެ ސިފައިގައި ނެރެ މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭނުންކުރަމުންދާކަމަށެވެ. އަދި ރާއްޖޭގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް އެފޮތްތައް ބޭނުންކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭއިން ބޭރުގަ ތަޢުލީމް ހާސިލް ކުރަމުންދާ ދިވެހިންނާއި، ވަޒަންވެރިވެގެންއުޅޭ ދިވެހިން އެދިވަޑައިގެން އެބޭފުޅުންނަށްވެސް އަޅުގަނޑުމެން ވާނީ، ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފަ ހުރި މަސައްކަތްތައް ފޮތްތަކެއްގެ ސިފައިގައި ނެރެ އެފޮތްތައް މިހާރު ސްކޫލް މަދަރުސާތަކުގެ ލައިބްރަރީއާއި ޔުނިވަރސިޓީތަކުގެ ލައިބްރަރީއާއި، އަތޮޅުތެރޭގެ ދަރިވަރުންނަށްވެސް ފޯރުކޮށްދީފަ" - ޑރ. އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަޤްވާމީ މަހާސިންތާތައް ބޭއްވުމަށް ފަތުވާދޭ އެންމެ މަތީ މަޖިލީހުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މިނިސްޓަރ ވަނީ ދީނުގެ ސައްޙަ މައުލޫމާތު ފޯރޮކޮށްދިނުމަށް ޢިލްވެރިންނަށް ގޮވާލައްވާފައެވެ. އެގޮތުން ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިހާރަށްވުރެ ފޮނި ނަތީޖާތައް ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ފަހަރުގެ މަހާސިންތާގައި އިސްލާމީ ޘަޤާފަތާއި ތަރުބިއްޔަތާއި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުނާއި މަސައްކަތްތެރިކަން ފަދަ މަޢޫޟޫއުތަކަށް މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ޤައުމިއްޔަތާއި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.