ވިޔަފާރި

ކޫއްޑޫ މަސްވެރިންގެ މެރީނާ އަންނަ މަހު ނިމޭނެ - ފިޝަރީޒް


ގއ.ކޫއްޑޫ ގައި ޤާއިމްކުރާ މަސްވެރިންގެ މެރީނާގެ މަސައްކަތް އަންނަ މަހު ނިމޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. 

ކޫއްޑޫގައި މަސްވެރިންގެ މެރީނާ ޤާއިމް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ މިފްކޯއެއެވެ. ޅ.ފެލިވަރުގައި މިހާރުވަނީ މަސްވެރިންގެ މެރީނާ ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ. މީގެއިތުރުން އައްޑޫސިޓީގެ ހުޅުމީދުއާއި ހުޅުމާލޭގައިވެސް މަސްވެރިންގެ މަރީނާތައް އަޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި މެރީނާ ގާއިމް ކުރުމަށް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، ހުޅުމާލޭގައި ޤާއިމުކުރާ މަސްވެރިންގެ މެރީނާގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

މަސްވެރިންނަށާއި މަސްވެރިކަމުގެ މަސައްކަތްތަކަށް ބޭނުންވާ ތަފާތު ޚިދްމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި މަސްވެރިންގެ މެރީނާތައް ޤާއިމުކުރުމަލީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.