ޚަބަރު

ހިޔާ މަޝްރޫޢާއެކު ރާއްޖޭގެ ތާރީޚް ބަދަލުވެގެންދާނެ: ސަޢީދު


ހިޔާ މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ، ރާއްޖޭގެ ތާރީޚު ބަދަލުކޮށްލާނެ ބިޔަ މަޝްރޫޢެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

"ހިޔާ" މަޝްރޫޢު އިފްތިތާޙްކުރުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މި މަޝްރޫޢަކީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ އިސް ރަށްވެހިންގެ ހިތުގެ ހިމަނާރާ ކުޅެލާނެ ވަރުގެ އުންމީދީ މަޝްރޫއެއް ކަމަށެވެ.

އުއްމީދަކަށް ފެންބޮވައިގަނެގެން ދުނިޔެއަށް އައިސް ނިމިދިޔައިރު ޔަޤީންވެގެންދިޔައީ ދެކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއީ އުމުރުން ފަސްދޮޅަސް އަހަރުވާއިރު ދުނިޔެއިން ނެތިދިއުމާއި، އެ އުމުރުގައި ދަރަނިވެރިކަމެއްގައި ނުވަތަ ހިތް ނުތަނަވަސް ކަމެއްގައި ފަނާވެގެންދިއުން ކަމަށެވެ. އެހެންނަމަވެސް މިއަދު ފެނިގެންމިދަނީ އޭގެ އަނެއްކޮޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިޔާ މަޝްރޫޢަކީ އުންމީދާއި ގުޅިފައިވާ އެހެންނަމަވެސް ފަނާކުރުމާވެސް ގުޅިފައިވާ މަޝްރޫޢެއްކަމަށެވެ. ފަނާކުރުމުގެ ވިސްނުމާއި މަޝްރޫއޫ ގުޅޭގޮތް ބަޔާންކޮށް ދެއްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މި މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި ފައިސާ ލިބުނަ ނުދިނުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާއަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރީ، ގެދޮރުވެރިކަމުގެ މަޝްރޫއު ކާމިޔާބުވެއްޖެނަމަ އިދިކޮޅު ފަރާތްތަކުން އެމީހުންގެ އުއްމީދުތަކަށް އަލްވަދާޢު ކިޔަންޖެހޭނެކަން ގަބޫލުކުރާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އިފްތިތާޙްކޮށްދެއްވި މި މަޝްރޫޢުގެ ދަށުން އެއްލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.