ޚަބަރު

ބިދޭސީން ހެލްތު ސްކުރީންކުރުން ހުއްޓައެއް ނުލާ- އިމިގްރޭޝަން


އެކިވަޒީފާތަކަށް ރާއްޖެ އަންނަ  ބިދޭސީ މަސައްކަތްތެރިން ހެލްތު ސްކްރީން ކުރަން ނުޖެހޭކަމަށްބުނެ، ފަތުރަމުންދާ ވާހަކަތައް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ދޮގުކޮށްފިއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ހެލްތު ސްކްރީންކުރަން ނުޖެހޭކަމަށްބުނެ، ބައެއް މީޑިއާތަކުގައި ދޮގުވާހަކަ ފަތުރަމުން ދާކަމަށެވެ. މުޙައްމަދު އަންވަރު ވިދާޅުވީ، އެކި ވަޒީފާތަަކައް ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ޤައުމުން ހެލްތް ސްކްރީން ކޮށްގެން އައިނަމަވެސް އަލުން އެމީހުންގެ ހެލްތް ސްކްރީންކުރާނެކަމަށެވެ. މީގެ ބޭނުމަކީ، އަސްލު އޮޅުވާލައިގެން ފޭކް ލިޔުންތައް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން ކުރާ މަސައްކަތް ހުއްޓުވުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް ރާއްޖޭގައި ކުރާގޮތަށް މަސައްކަތްކުރަން އަންނަ މީހުންގެ ހެލްތު ސްކްރީނިންގ ކުރާނެ. އޭގެ އިތުރަށް ރައްކާތެރިވުމުގެ ގޮތުން އަޅުގަނޑުމެން އެމީހުން އައުމުގެ ކުރިންވެސް ހެލްތު ސްކްރީނިންގ ކުރާނެ." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު ވިދާޅުވިއެވެ.

އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގައި ފަސްދޮޅަސްހާސް ތިރީސް ބިދޭސީ މަސައްކަތްތެރިން އެބަތިއްބެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ސަތޭކަ ވިހިހާހަށް ވުރެ މައްޗަށް އަރާނޭކަމަށް އިދާރާތަކުން އަންދާޒާކުރެއެވެ.