ކުޅިވަރު

ސިޓީ މޮޅު, ސްޓޯން ހަ ހަފުތާ އަށް ކުޅުމާ ދުރަށް


ލެސްޓާ ސިޓީ އަތުން 2-0 ން މޮޅުވެ، މެންޗެސްޓާ ސިޓީ ލީޑު ދެމެހެއްޓި އިރު ޑިފެންޑަރު ޖޯން ސްޓޯން އަށް އަނިޔާވެ ހަ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، ޓީމުގައި ސެންޓްރަލް ޑިފެންޑަަރުން މާގިނަ ނޫން ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގައި މިފަދަ ވަގުތުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، ތިބި ބަޔަކާއެކު އޭނާ މޮޅުވާން މަސައްކަތް ކުރާނެ ކަމަށެވެ.

ރޭގެ މެޗުގައި ސިޓީ އަށް ގޯލު ޖަހައިދިނީ ކެވިން ޑެބްރޫނޭ އާއި، ގަބްރިއަލް ޖެސޫސްއެވެ. މި މޮޅާއެކު ސިޓީ އެއްވަނާގައިވަނީ 34 ޕޮއިންޓާއެކުއެވެ. މިއީ ދެ ވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑަށްވުރެ އަށް ޕޮއިންޓް ގިނަ އަދަދެކެވެ.

ނަމަވެސް ގާޑިއޯލާ ބުނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރި 10 ދުވަހަށް ފަހު އަލުން އެނބުރި އައިސް ކުލަބުގައި ކުޅުންތެރިން ކުޅުނުއިރު ގިނަ އުނދަގޫތަކެއް ދިމާވި ކަމަށެވެ. ހާއްސަކޮށް މި މެޗަކީ ރަށުން ބޭރުގައި ކުޅުނު މެޗަކަށްވިއިރު ލެސްޓާ ސިޓީގެ ޑިފެންސް ވަރުގަދަ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ޓީމުގެ ފަހަތުގައި ތިބި ކުޅުންތެރިންނަކީ ވެސް އެޓޭކްގައި ބައިވެރިވާ ކުޅުންތެރިންކަމުން މެޗުން މޮޅުވުމުގައި ޑިފެންޑަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށެވެ.

ސިޓީ ދެެއްކި ކުޅުމާމެދު ތަޖުރިބާކާރު އެނަލިސްޓް މާޓީން ކިއޮން ބުނީ ސީޒަނުގެ 4 ބައިކުޅަ ތިން ބައި ބާކީ އޮތް ނަމަވެސް ސިޓީ އަށް ޕްރެމިއާ ލީގު މިހާރު ވެސް ޔަގީންވެއްޖެފަދަ ކަމަށެވެ. މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބުނަސް ކޯޗު ގާޑިއޯލާ އަކީ ކާމިޔާބު ކޯޗެއް ކަމަށާއި، މިސީޒަނުގައި އޭނާ ޓީމު ލައްވައި ކުޅުވަމުންދަނީ ވަރަށް އިތުބާރާއެކު ކަމަށެވެ.