ޚަބަރު

"މަޝްރޫޢުތައް ނިމޭއިރު ދެލައްކަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ"


މިސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުއެއް ނިމޭއިރު ދެލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު "ހިޔާ" އިފްތިތާޙްްކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ހިޔާ" މަޝްރޫޢު އިފްތިތާޙްކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންނާ މަޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާކަމަކީ ބޯހިޔާވަހިކަންކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަކީ މި ސަރުކާރަށް ވާރުުތަވި ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ މައްސަލަތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.

tw:https://twitter.com/PSMnewsmv/status/931941087937142784

ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ފަސްދޮޅަސް ދެ ޓަވަރު ބިނާކުރާނެކަމަށާއި، މި މަސައްކަތް ފެއިލް ވިޔަ ނުދީ ކުރިޔަށް ގެންދަވާނެކަމަށެވެ. ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތައް ހިމެނޭގޮތަށް ޖުމްލަ 22 އޮފީހަކުން މި މަޝްރޫޢުގައި ބައިވެރިވެއެވެ. ރައީސް ޔާމީން ވިދާޅުވީ މި މިފަދަ މަޝްރޫޫޢުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެ ފުރުޞަތު އެބައޮތްކަމަށެވެ. މި މަޝްރޫޢާއެކު އުއްމީދުގެ ދަންމަރު ދިއްލުނީކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވީ، މިއީ މިވަގުތަށް އެމަނިކުފާނަށް އެންމެ މުހިންމު މަޝްރޫޢުކަމަށެވެ

 ފަސްދޮޅަސް ދެ ޓަވަރުގެ މަސައްކަތް ނިމިގެންދާއިރު، މިޓަވަރު ތަކުން ޖާގަލިބޭނީ ހަމައެކަނި އެކުންފުނިތަކުގެ މުވައްޒަފުންނަށް އެކަނިނޫންކަމަށާއި، މި ޓަވަރުތަކުގެ ތެރެއިން އެއްބައި ޚާއްޞަވާނީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ޓަވަރުތަކުގެ އަނެއްބައި ޚާއްޞަވަނީ ކުންފުނިތަކުގެ މުވައްޒަފުންނަކަމަށް ރައީސް ވިދާޅުވިއެވެ. މި ބިންގާއެޅުނު މަޝްރޫޢުގެ ދަށުން ބިނާކުރާ ޓަވަރުތަކަށް އަންނަ އަހަރުގެ ތެރޭގައި މީހުން ވަންނާނެކަމަށާއި، މުޅި މަޝްރޫޢު 2019 ވަނަ އަހަރު ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުން އެކަނިވެސް އެއްލައްކަ މީހުންގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މި މަސައްކަތް ކުރަނީ ކުންފުނިތަކުގެ ޤާބިލުކަން ހުރިމިންވަރުންކަމަށާއި، މިސައްކަތަށް މާ ބޮޑު ޚަރަދެއް ނުދާނެ ކަމަށެވެ.

tw:https://twitter.com/PSMnewsmv/status/931945605387001857

"މި ފަސްދޮޅަސް ދެ ޓަވަރުގެ ބިންގާ އެޅިގެންދާއިރު ތިބޭފުޅުންގެ ޚިޔާލަށް އަންނާނެ އަދި ޒުވާން ކުދިންގެ ވިސްނުމަށް އަންނާނެކަންނޭގެ ކީއްވެގެންބާއޭ ސަރުކާރު ކުންފުނިތަކުުން މި ބިންގާތައް އެޅީ. ސަރުކާރު ކުންފުނިތަކުން ބިންގާ އެޅީމަ އެކުންފުނިތަކުގެ މުވައްޒަފުންނަށް އެކަނިތޯ މި ޓަވަރުތަކުން ޖާގަލިބޭނީ. ނޫން. އެއްގޮތަކަށްވެސް އެހެނެއްނޫން. ސަރުކާރު ކުންފުނިތަކާ އަޅުގަނޑު ޖާމިނުކުރީ ދެކަމެއް. ފުރަތަމަ ޓަވަރު ނޫނީ ޓަވަރުގެ އެއްބައި އެއީ ދިވެހި ރައްޔިތުންނަށް. އެއީ ކުންފުނިތަކުގަ އުޅޭ މީހުންނަކަށް ނޫން. އޭގެ އަނެއް ބަޔަކީ ކުންފުނިތަކުގައި އުޅޭ ދިވެހި ރައްޔިތުންނަށް." ރައީސް ވިދާޅުވިއެވެ.

ހުޅުމާލެއަކީ ބިން ހިއްކައިގެން ތަރައްޤީކުރާ ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވިސްނާފައިއޮތީ ހުޅުމާލޭގައި ފަސްބުރިއަށްވުރެ މައްޗަށް ޢިމާރާތް ނުކުރެވޭނެކަމަށެވެ. ނަމަވެސް ބިން ތަދު ދިވެހިޤައުމުގައި ފަސްބުރިއަށްވުރެ މައްޗަށް އިމާރާތްނުކުރެވެންވީ ކީއްވެތޯ ރައީސް ސުވާލުކުރެއްވިއެވެ. ހުޅުމާލޭގައި ފަންސަވީސް ބުރިއަށް ޢިމާރާތްކުރުމުގެ ހުއްދަ މިހާރު ދެއްވާފައިވާކަމަށާއި، ހުޅުމާލޭގެ ރިސޯސް ހެޔޮގޮތުގައި ބޭޏުންކުރަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މި ސަރުކާރުގެ ހަތަރުއަހަރު ކުރިއަައްދާއިރު އެކި ރަށްރަށުގައި އެކިވަރުގެ އެޕާޓްމަންޓްތައް ތަރައްޤީކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހައުސިންގ މަޝްރޫޢުތަކާއި، ހުޅުމާލޭގެ 62 ޓަވަރުގެ މަޝްރޫޢު ނިމޭއިރު ގާތްގަނޑަކަށް ދެލައްކަ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށެވެ.

"އިހައްދުވަހަކާ ހަމައަށް މިތާ 5 ބުރިއަށްވުރެ މައްޗަށް ޢިމާރާތް ކުރުމުގެ ހުއްދައެއް ނެތް. މާލޭގައި 10 ބުރިއަށްވުރެ މައްޗަށް ޢިމާރާތްކުރުމުގެ ހުއްދައެއްނެތް. އެކަމަކު މިއަދު އެއީ އެދުވަސްކަމަށް ބުނަންޖެހޭ. އެހެންވީމަ 25 ބުރީގެ ޓަވަރުތައް އަޅާވާހަކަ މިދައްކަނީ. އެއީ އަޅުގަނޑުމެންގެ އުންމީދު. މިއަދުވެ ވިސްނުމަކީ ކުރި ބޯޢްޓާ ހަމައަށް ވާސިލްވުމަށް ކުރާމަސައްކަތް، މި ހިއްތަވަރާއި އަޒުމް ހުރެއްޖެނަމަ ކުރެވޭނެ. ނަމަވެސް ދުވަހަކުވެސް ވަސީލަތްތައް ތަނަވަސް ނުވާނެކަމަށާއި، މިވަރުގެ ވިސްނުމާ ހަކަތަ ނެތްކަމަށް ލީޑަރުން ވިސްނާނަމަ ދުވަހަކުވަހަކުވސް ކުރިއަށް ނުދާނެ. މިއަދުގެ މުޖުތަމަޢުގައި ރައްޔިތުންނަށް ދަތިވެފައިހުރި މައްސަލަތައް ހައްލުކުރެވޭތޯ ބަލަންވީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ހުޅުމާލެއަކީ އުއްމީދު އޮތްތަނެއްކަމަށާއި ޒުވާނުންގެ އުއްމީދުގެ ދަންމަރުކަމަށް ތަކުރާރުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ޒުވާނުންނާ އެކަނިވެރި މައިންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވަން އެމަނިކުފާނު ބޭނުންވާކަމަށެވެ. އަދި މި ބިނާކުރާ ތަންތަނުން ޕްރޮފެޝަނަލް ގިންތިތަކުގައި ތިބި ޑޮކްޓަރުންނާއި ޓީޗަރުންނާއި ނަރުހުންފަދަ ޒިންމާދާރު ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޒަމާނީ ސިޓީއެއްގެ އެއްބައިކަމަށާއި  ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވަނީ، މިއީ ޒުވާނުންނާއި އެކަނިވެރި މައިންނާއި ގެދޮރު ދަތިވެފައިވާ އެހެން ގިންތިތަކުގެ މީހުންނަށްދެވޭ ހަދިޔާއެއްކަމަށް ސިފަކުރައްވާފައެވެ. އަދި މިސިޓީއަކީ އެމަނިކުފާނު ބޭނުންވާގޮތަށް ރީތި އަމާން ފަސޭހަ ވެއްޓެއް އޮތްތަނަކަށް ހައްދައވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންނެވިއެވެ.