ޚަބަރު

ޤައުމުން ބޭރަށް އަރުވާލެވިގެން ދުވަހަކުވެސް ނުހުންނާނަން- ރައީސް


ވިސްނުމާއި ފިކުރަށް އަންނަ ބަދަލަކުން ޤައުމުދޫކޮށްލައްވާފައި އަމިއްލައަށް އަރުވާލެވިގެން ދުވަހަކުވެސް ނުހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކުރިއަށްގެެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" އިފްތިތާޙްކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބީހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލު މަޝްރޫޢު "ހިޔާ' އިފްތިތާޙްކުރުމަށް ހުޅުމާލޭގެ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤއްޔޫމް ވިދާޅުވީ، އެނިކުފާނަކީ އަބަދު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގައި ނުވާނެކަމަށާއި، ނަމަވެސް އަބަދުވެސް ދިވެހިރައްޔިތެއްކަމަށެވެ. އެމަނިކުފާނަކީ ދުވަހަކުވެސް ދައްކާވާހަކައަކުން ނުވަތަ ވިސްނުމާ ފިކުރަށް އަންނަ ބަދަލަކުން ޤައުމުދޫކޮށްލައްވާފައި އަމިއްލައަށް ރަށުން ބޭރަށް އަރުވާލެވިފައި ހުންނަ މީހަކަށް ދުވަހަކުވެސް ނުވާނެކަމަށެވެ. ޚިދުމަތް ކުރަންވީ ދިވެހި ޤައުމުގައިކަަމަށާއި، ޚިދުމަތްކުރަންވީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވަނީ ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށްކަމަށާއި، ވެރިކަމުގައި ހުންނެވި ދުވަހަކު އަދި އޭގެ ފަހުންވެސް ޚިދުމަތްކުރައްވާނީ ދިވެހިރައްޔިތުންނަށްކަމަށް ވިދާޅުވިއެވެ.

ރައީސް ޔަމީންގެ ވާހަކަފުޅުގައި، ވަކިވަކި ފަރުދުންނަށްވުރެ އިސްވަނީ ދިވެހި ޤައުމުކަމަށާއި، ސިޔާސީ ސީޑަރުންވެސް ހަނދާނަށްވެސް ގެންނަންވީ  ސިޔާސީ ލީޑަރަކަށްވުރެ މުހިންމީ މިޤައުމުކަމަށް ވިދާޅުވިއެވެ. ސިޔާސީ ލީޑަރުން އަމިއްލަ ވިސްނުންތަކެއް ހުންނާނެކަމަށާއި، ކަންކަން ތަރުތީބުކުރުމާމެދު ވިސްނުން ހުންގޮތް ވޭތުވެދިޔަ ސާޅީސް އަހަރުގެ ކުރު މާޒީން ފެނިފައިވާކަމަށާއި، އޭގެ ނަތީޖާ މިއަދު ބައްދަލުކުރަމުން އަންނަކަން އެމަނިކުފާނުގެ ވާހަކަފުޅުގައ ފާހަގަކުރެއްވިއެވެ. ސިޔާސީ ބައެއް ލީޑަރުން ޤައުމުން ބޭރަށް އަރުވާލެވިގެން ޤައުމަށް ދަތިކުރަމުންގެންދާދިއުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ލީޑަރުންނާ މަޝްވަރާކުރަންވީ ޖަލަށްލާ މީހާ ދޫކޮށްލުމާގުޅޭގޮތުން ނޫންކަމަށާިއ، މަޝްވަރާކުރަންވީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާކަަމަށެވެ. "އަޅުގަނޑަކީ އަބަދު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގައި ނުވާނެ. އެކަމަކު އަޅުގަނޑަކީ އަބަދުވެސް ދިވެހި ރައްޔިތެއް. މީގެ ކުރިންވެސް ދިވެހި ރައްޔިތެއް. ފަހުންވެސް ދިވެހި ރައްޔިތެއް. މިއަދުވެސް ދިވެހި ރައްޔިތެއް. ތަފާތަކީ ޝަރަފްވެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުޝަތު އަޅުގަނޑުމެނަށް ލިބޭ ގޮތް ތަފާތުވަނީ. އަޅުގަނޑަކީ އެއްގޮތަކަށްވެސް އަޅުގަނޑު ދައްކާ ވާހަކައިން ނުވަތަ ވިސްނުމާ ފިކުރަށް އަންނަ ބަދަލަކުން ޤައުމު ދޫކޮށްލާފަ ރަށުން ބޭރަށް އަރުވާލެވިފައި ހުންނަ މީހަކަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

 އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ބޮޑެތި ބިޔަ މައްސަލަތައް ހުރިކަން އެނގިހުރެކަމަށާއި، އެ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށްޓަކައި ދިިވެހި ރައްޔިތުންގެ ހައްގެއް އޮތްކަމާއި، ރައްޔިތުން އެކަމަށް އެދޭނެކަމާއި، ރައްޔިތުންގެ އުންމީދުތަކެއް ވާނެކަން އެނގޭތީކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ޖާގަދޭންޖެހޭކަމާއި މުސްތަޤްބަލް ބައްޓަންކުރާ އެންމެ އިސްސަފުގައި ތިބޭބައެއްކަމަށް ވިސްނާތީކަމަށާއި ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ އަބަދުވެސް ކުރިމަތިލައްވާނީ އިޚްލާސްތެރިކަމާއެކުކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމް ދެއްވިއެވެ.