ތަރައްްޤީ

ދިރާސީ އާ އަހަރުގެ ކުރިން 704 ފެލްޓްގައި މީހުން ދިރިއުޅެން ފަށާނެ


ހުޅުމާލޭގައި މި ސަރުކާރުން އިމާރާތްކުރި 704 ހައުސިންގ ޔުނިޓްތަކުގައި އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނެއުމަށް ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" ރަސްމީކޮށް އިފްތިތާޙްކުރުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގައި ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ 704 ހައުސިންގ ޔުނިޓްތައް ހައްޤުވާ މީހުން ކަނޑައެޅުމުގައި އެންމެ ބޮޑު އިސްކަމެއްދެއްވީ އެމީހުންގެ ދިރިއުޅުމުގެ ހާލަތަށްކަމަށެވެ. އަދި މި ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާ، އެ މީހުންނަށް ފްލެޓް ލިބުންކަން މިހާރު އަންގާފައިވާނޭކަމަށެވެ.، އަދި އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން  މި ފްލެޓްތައް ލިބުން މީހުން އެ ފްލެޓްތަކުގައި ދިރިއުޅެން ފަށާނެކަމަގެ ޔަޤީންކަން ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގެ ދިރިއުޅޭ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައިވެސް މިވަނީ 704 ފްލެޓް އެޅި މިހާރު އެ ފްލެޓްތައް ލިބޭނެ ފަރާތްތައްވެސް ކަނޑައެޅި އެ ފަރާތްތަކަށް އެކަން އެންގިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވެން ފަށަންވާއިރަށް އަޅުގަނޑުމެން ޔަޤީންކަންދޭ ކަމަކީ މި ހުރިހާ ފަރާތްތަކަށްވެސް، ފްލެޓްތައް ހަވާލުކުރެވި، އެތަންތަނުގައި ދިރިއުޅެވޭނެކަމުގެ ޔަޤީންކަން. މި 704 ފްލެޓްތައް ލިބުން ޢާއިލާތަކަކީ ވަރަށް ނިކަމެތިކޮށް ވަރަށް ހާލުގައި އުޅެމުންދިޔަ ފަރާތްތަކެއް. އަޅުގަނޑުމެން ރައީސް ޔާމީން ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެންމެ ނިކަމެތި ރައްޔިތުންނަށް ހޯދުމަށް ހޮވާލައިގެން ނެގޭނެ ގޮތްތަކެއް ބެލިން. އެނޫން އެއްވެސް ކަމަކަށް ނުބަލަން. ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އެ ފަރާތްތައް ހޮވީ. މިއީ އެއްގޮތަކަށްވެސް އެ ފްލެޓްތަކަށް ފޯމް ހުށައެޅި ބާކީތިބި 14 ހާހަށްވުރެ ގިނަ ރައްޔިތުން އެއީ ފްލެޓްތައް ލިބެންޖެހޭ ފަރާތްތަކަށް ނުވާތީކީ ނޫން. އަޅުގަނޑުމެންނާއި ބައްދަލުކުރަމުންދިޔަ މި ފްލެޓްތަކަށް ފޯމްލީ ވަރަށް ގިނަ ރައްޔިތުން. އެ ރައްޔިތުންގެ ވާހަކަތައް އަޑުއަހަމުންދިޔައިން. އެއިން ކޮންމެ ރައްޔިތަކީވެސް ގެދޮރު ބޭނުންވާނެ ރައްޔިތުން. ކޮންމެ ރައްޔިތަކީވެސް ގެދޮރު ހައްޤު ރައްޔިތުން. ހައުސިންގގެ މިފަދަ ބޮޑެތި މަޝްރޫޢުތައް ރައީސް ޔާމިން މި ފަށްޓަވަނީވެސް އެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ޔަޤީންކޮށްދިނުމަށް"ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު ވަޢުދުކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި މި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޯޝަލް ހައުސިންގ ޔުނިޓްތަކާއި، ފްލެޓްތަކާއި، ގެތައް ޢިމާރާތްކުރުމުގެ އެތައް މަޝްރޫޢެއް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ގެދޮރުވެރިކަމާއި ގުޅުންހުރި ލޯން ސްކީމްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.