ކުޅިވަރު

ޓީރެކްސް އަދި ސައިކްލޯން ޤައުމީ މުބާރާތް ކާމިޔާބުކޮށްފި


ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެންޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ޓީރެކްސް އިން ހޯދިއިރު، އަންހެންބައިގެ ޗެމްޕިއަަންކަން ސައިކްލޯން ބީސީ ހޯދައިފިއެވެ. 

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ކުޅުނު ފިރިހެންބައިގެ ވާދަވެރި ފައިނަލް މެޗް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުން ކާމިޔާބުކޮށްފައިވަނީ 71 ޕޮއިންޓް، 63 ޕޮއިންޓުންނެވެ. 

ފައިނަލް މެޗް އަދި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މާގަމް ހޯދީ ޓީރެކްސް އަށް ފަންސަވީސް ޕޮއިންޓް ހޯދައިދިން ޑުސަން އޮގްންޖެނޮވިޗެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުން 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަ ބައުވްސް ބާސްކެޓްބޯޅަ ކްލަބުގެ އަހުމަދު މުއާވިންއެވެ. 

އަންހެން ބައިގެ ފައިނަލް ސައިކްލޯން ކާމިޔާބުކުރީ ޖިބިއްލީ ސްޕޯޓްސް ކުލަބާއި ވާދަކޮށް މޮޅުވެގެންނެވެ. ފައިނަލް މެޗު ސައިކްލޯން ބީސީ ކާމިޔާބުކުރީ 60 ޕޮއިންޓް 32 ޕޮއިންޓްއިންނެވެ.

މެޗުގެ ހަތަރު ކުއާޓާރގައިވެސް މޮޅަށް ކުޅެފައިވަނީ ސައިކްލޯންއިން އަދި ލީޑްގައިކުރީގައި އޮވެގެން ކުޅެފައިވަނީވެސް ސައިކްލޯންއިންކަން ފާހަގަކޮށްލެވެއެވެ. 

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެޑް ވިންގްސްބާސްކެޓް ބޯލް ކުލަބްގެ ލަޔާން އަލީ ރަޝީދެވެ. އަންހެންބައިގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެންޕިއަން ސައިކްލޯންގެ ޖެލީނާ ބުޑްމީރެވެ.