ތަރައްްޤީ

ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރުޢޫ "ހިޔާ" އިފްތިތާޙްކޮށްފި


ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. 

"ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާ، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އެކެމަށްޓަކައި ހުޅުމާލޭގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ."ހިޔާ" މި މަޝްރޫޢަކީ ގާތްގަނޑަކަށް 100 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ، ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކުރިއަށް ނުގެންދާވަރުގެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. އަދި މިއީ ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން، އަދި އިޖްތިމާޢީގޮތުންވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ވަރަށްވެސް އުއްމީދީ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.  

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މި މަޝްރޫޢަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އެގޮތުން މި މަޝްރޫޢުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، ފެނަކަ ކޯރޕަރޭޝަން، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިމެނެއެވެ. ހަމައެހެންމެ އަމިއްލަ ބައެއް ކުންފުނިތަކުންވެސް މި މަޝްރޫޢުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި، އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން، އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހިޔާ މަޝްރޫޢު ނިމިގެންދާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 36 ޓަވަރުގައި ސަތޭކަ ހާސް އަށްޑިހަ ހައުސިންގ ޔުނިޓް އެޅިގެންދާނެއެވެ. މި ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި، 1 ބެޑްރޫމް، 2 ބެޑްރޫމް އަދި 3 ބެޑްރޫމްގެ އެޕާރޓްމަންޓްތައް ހިމެނިގެންދާނެއެވެ.

"ހިޔާ" މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ސޯޝަލް ހައުސިންގ ޔުނިޓް އަދި 1530 މިޑް ޓު ހައިރޭންޖް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ޒުވާނުންގެ އުއްމީދީ ސަހަރުގެ ގޮތުގައި ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ލިބޭ ޙިދުމަތްތަކާއެކު ތަރައްޤީގެ ފޮނިމީރުކަން އޭނގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.