ޚަބަރު

ދައުލަތުގެ 18 ހާސް މިލިއަން ރުފިޔާއަށް ޚިޔާނަތްތެރިވި


މިދިޔަ ތިރީސް ފަސް އަހަރު ދުވަހުގެ ތެރޭގައި އަށާރަ ހާސް މިލިއަން ރުފިޔާއަށް ދައުލަތުގެ އެކި ފެންވަރުގެ މީހުން ޚިޔާނާތްތެރިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ކާމިޔާބު ހަތަރު އަހަރު ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޝަނުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދައުލަތުގެ އެކި މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ހިޔާނަތްތެރިވެފައިވާ ދައުލަތުގެ ފައިސާގެ އަށާރަހާސް މިލިއަނަށް ރުފިޔާއަށް އަރާކަމަށެވެ. 

ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި މީހުން ހޯދާ އެ  ފައިސާ އަނބުރާ ހޯދުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެކަން ކުރައްވަން އުޅުއްވިކަމަށެވެ. އެހެންނަމަވެސް އެކަން ދިޔައީ ޗޮކުން ކަމަށާއި އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ހިންގާ ފިޔަވަޅު އަޅުވަން ރައީސް ނަޝީދަށް ކެރިވަޑައިނުގެންނެވިކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާނެކަމަށް ބުނާ ބޭފުޅުން ޓެކުހަށް މަކަރު ހައްދަވަމުން ގެންދަވާކަމަށާއި، ފަރުދީ ވާޖިބު އަދާކުރުމަށް ދެކޮޅު ހައްދަވަމުން ގެންދަވާކަމަށެވެ. އަދި އެތައް ސަތޭކަ މިލިއަން ޑޮލަރު އެބޭފުޅުންގެ އަތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއަދު ހެދި ރިޔާސީ ކޮމިޝަނުން އަޅުގަނޑަށް އެބަ ކަށަވަރުކޮށްދޭ މިދިޔަ ތިރީސް ފަސް އަހަރެއްހާ ދުވަހުގެ ތެރެގައި އަށާރަ ހާސް މިލިއަން ރުފިޔާ ދައުލަތުން އެކިދުވަސްވަރު ރައްޔިތުން އެކި ފެންވަރުގައި ޚިޔާނާތްތެރިވެފައި. މިއަދުވެސް މިއުޅެނީ މިދެންނެވިކަހަލަ ބޮޑު ކަންނެލި، މިދެންނެވިކަހަލަ ޓެކްސްތަކުން މަހްރޫމްވެގެން އަމިއްލައަށް. ޓެކްސްތައް ނުދައްކާން އުޅޭ މީހުން މިއުޅެނީ. ރައްޔިތުންނަށް ޚިދުމަތްކުރާއިރު އެންމެ ފުރަތަމަ ކުރަންޖެހޭނެކަމަކީ  ރައްޔިތުންނަށް މިއޮންނަ ފަރުދީ ވާޖިބް އަދާކުރުން. ޓެކްސް ދައްކަންވީނުންތޯ. ޓެކްސް ދައްކަންވީ. އެކަމު ރައްޔިތުންނަށް ޚިދުަމތްކޮށްދެއްވާ ލީޑަރުން މި އުޅުއްވަނީ ޓެކްސް ނުދައްކަވަން. އެތަކެއް ސަތޭކަ މިލިއަން ޑޮލަރުގެ ވާހަކަ މިދައްކަނީ. އަދި ކުރެވިފައިވާ ކަންތައްތަކުން ތިސަތޭކަ މިލިއަން ނުވަތަ ހަތަރުސަތޭކަ މިލިއަން ޕިއިންޓް ފަހެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅުގަނޑުމެން މިކުރަންޖެހީ އެއަރޕޯޓްވެސް އަލުން ހޯދުން."

ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ ގިނަ މައްސަލަތަކަކީ ކުންފުނިތަކަށް އޮޅުވާލައިގެން ނާޖާއިޒް ގޮތުގައި އަމިއްލަ ފަރާތްތަކުން ހިންގާފައިވާ ޖަރީމާތައްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތާއި، ރާއްޖޭގެ ގައުމީ އެއާލައިން އެއާމޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލަވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.