ޚަބަރު

ޔުނިވަރސަލް ޗިލްޑްރެންސް ޑޭ ފުވައްމުލަކުގައި ފާހަގަކުރަނީ


 ޔުނިވަރސަލް ޗިލްޑްރެންސް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް(ޔުނިސެފް) އަދި ފުވައްމުލަކު ކޮމިއުނިޓީ ސަރވިސް ގްރޫޕް ގުޅިގެން ފުވައްމުލަކުގައި ޙާއްޞަ ހަރަކާތްތަކެއް ބާއްވައިފިއެވެ..

ނޮވެމްބަރު މަހުގެ 17 ން 20 އަށް ފުވައްމުލަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން ސްކޫލު ތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން އެކި އުމުރުފުރާތަކުގެ މީހުންނަށް ޢަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފުވައްމުލަކު އެކި ސަރަޙައްދުތަކުގައިވެސް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ރޭ ހާފިޒް އަހްމަދް ސްކޫލްގައި ބެލެނިވެރިންނަށް މައުލޫމަތު ފޯރުކޮށްދިނުމަށްޓަކައި ބޭއްވި ޚާއްސަ ސެޝަންގައި ކުދިންގެ އަޚްލާގާއި އަޤީދާ ހަރުދަނާކުރުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އަދި މީގެ އިތުރަށް ދަރިން ތަރުބިއްޔަތް ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ހަރުދަނާ ޖީލެއް ބިނާ ކުރުމަށްޓަކައި ކުރެވިދާނެކަންތައްތަކާއި ބެހޭގޮތުން މައުލޫމާތް ހިއްސާކޮށްފައިވެއެވެ.  .

ފުވައްމުލަކުގައި ހިންގާ މި ޙާއްޞަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މެސެޖްތައް ހިމެނޭ ބިލްބޯޑުތަކެއް ފުވައްމުލަކުގެ 12 ސަރަޙައްދެއްގައި ބެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޔުނިވަރސަލް ޗިލްޑްރެންސް ޑޭ ފުވައްމުލަކުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ރޭވިފައިވާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި،  ކުޑަކުދިންނަށް ޙާއްޞަކޮށްގެން ހަވީރެއް ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ފުވައްމުލަކުގެ އެކި މުއައްސަސާކުން 40 ފަން ސްޓޯލެއް ހިމެނޭ ގޮތައް މިހަވީރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކުޑަކުދިންގެ ހުނަރު ދައްކާލުމާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ހިންގާ ހަރަކާތްތަކުގެ އެމްބެސެޑަރ އިބްރާހިމް ވަޙީދު (ބޮޑުބެ) އާއި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކެރެކްޓަރ އެއްކަމަށްވާ ރޮބޯމޭންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުންނާއި ޔުނިސެފް އަދި ފުވައްމުލަކު ކޮމިއުނިޓީ ސަރވިސް ގްރޫޕާއި ގުޅިގެން ފުވައްމުލަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޙަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑެވެ. މި ހަރަކާތުގެ ކޯ ސްޕޮންސަރުންނަކީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއެވެ.