ރިޕޯޓް

"ފަތުރުވެރިކަމުގެ ދާއިރާއިން ލައްކައަކަށް ވުރެ ގިނަ ވަޒީފާ"


މި ދަޢުރު ނިމޭއިރު، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެެެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރުގެ 4 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ 4 އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް "ބަހާރެކޭ" މިނަމުގައި ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ފާއިތުވި 4 އަހަރުގެ ތެރޭގައި ސިޔާސީގޮތުން ސަރުކާރަށް ކުރިމަތިކުރުވި ފިއްތުންތަކާއެކުވެސް، މި ސަރުކާރަށް ހާސިލްކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ވީރާނާވެފައިވާ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖަހައި، ވިޔަފާރީގެ މުޢާމަލާތަކަށް އިތުރު އާރޯކަމެއްގެނެސް، ބޭރު އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ހޯދުންކަމަށެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ވެރިއަކަށް ހާސިލުކުރެވިފައި ނުވާކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ދެއްކެވި ވާހަކަފުޅު މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ 2 ސިނާޢަތްކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއަށެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިއަން ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރާއިރު، ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކޮށް، ތަފާތު ސަބަބުތަކާހުރެ ނުނިމި ހުރި ރިސޯޓްތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒެއްކަމަށްވާ 50 ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު، ބެޑް ކެޕޭސިޓީގެ ޢަދަދު ދެގުނައަށް އިތުރުވެގެންދާނެކަމަށެވެ. އަދި ވަޒީފާގެ އެތައް ހާސް ފުރުޞަތުތަކާކާއެކު، ފަތުރުވެރިކަމުގެ ސިނާޢާތަށް ލިބޭނެ ކުރިއެރުންތަކަށް މިނިސްޓަރ ސަޢީދު އަލިއަޅުއްވާލެއްވިއެވެ.

"ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، 23000 އެނދު ހުއްޓަސް، މިއަދު އިތުރު 5000 އެނދު މިވަނީ އިތުރުކުރެވުނު. 50 ރިސޯޓްގެ މަސައްކަތް ނިމޭއިރު، 50،000 ހާސް އެނދު ރާއްޖޭގައި އޮންނާނެ. 75،000 ވަޒީފާގެ ފުރުޞަތު މިއަދު ހަމައެކަނި ޓޫރިޒަމްގެ ދާއިރާގައި އޮތްއިރު، އަޅުގަނޑުމެންނަށް 1 ލައްކަ ތިރީސް ހަތަރުހާސް ވަޒީފާ ހަމައެކަނި ޓޫރިޒަމް ސެކްޓަރއިން މި 5 އަހަރު ނިމިގެންދާއިރު ނިކުންނާނެ. ޖުމްލަ ޢާމްދަނީއަށް ބަލާއިރު، އަޅުގަނޑުގެ އަންދާޒާއަކީ 80 އިންސައްތަ އޮކިއުޕެންސީގައި ރާއްޖެ ހިފެހެއްޓޭނަމަ، 3.6 ބިލިއަން އެމެރިކާ ޑޮލަރު މި ޤައުމުގެ އިޤްތިޞާދުގެ ތެރޭގައި އެނބުރޭނެކަން. 3.6 ބިލިއަން ޑޮލަރު އެއީ މިހާރު އެނގޭތޯ. މިދެންނެވި އިތުރުވި 5000 ޓޫރިސްޓް އެނދާއެއްކޮށް ޖުމްލަ 28،000 އެނދު ހުންނާނެކަމަށް ޤަބޫލުކޮށްފައި. ނަމަވެސް އަޅުގަނޑުމެންގެ ޓްރާސްފޮމޭޝަނަލް ޕްރޮސެސްނިމި، 80 އިންސައްތަ އޮކިއުޕެންސީގައި ދިވެހިރާއްޖޭގައި 50،000 އެނދު ހުންނަކަމުގައިވަންޏާ 3.9 މިލިއަން އެރައިވަލް 5 އަހަރުގެ ތެރޭގައި، 5-7 އަހަރާއި ދެމެދުގެ ތެރޭގައި އަޅުގަނޑުމެންނަށް ހާސިލްނުކުރެވޭނެ ހަމައެއްވެސް ގޮތެއް ނެތް"އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ބޮޑެތި މައްސަލަތައްވެސް ހައްލުކޮށް، މަސްވެރިންނަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް މި ސަރުކާރުން ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓިފައިވާ ޕްރޮޑަކްޝަން ޔުނިޓްތަކުގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންގެ އުފެއްދުންތަކަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

"މިހާރު މިފްކޯއިން ދަނީ މަސްވެރިންނަށް ވަގުތުން ފައިސާދީގެން މަސް ގަންނަމުން. މީގެ ކުރިން ދަރަންޏަށް ނުވަތަ ކްރެޑިޓަށް ދައްކާގޮތަށް މަސްވެރިންގެ އަތުން މަސް ހޯދައި، އެ މަސްވެރިންނަށް ފައިސާ ނުދީވާކަން ފާހަގަކޮށްލަން ބޭނުންވާ. ހަމައެއާއެކު ދުވާލަކަށް މަސް ގަނެވޭނެ ނިސްބަތް 530 މެޓްރިކް ޓަނުން 720 މެޓްރިކް ޓަނަށް، މާނައަކީ 190 މެޓްރިކްޓަންގެ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް އިތުރުކޮށްފައިވޭ. މިއީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފިނިކަމެއް. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔަޔަސް، މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައި. އޭގެ ތެރޭގައި މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް، ވެލިއު އެޑްކޮށް، ކުރީގެ ސަރުކާރުން އެމް.ޑީ.ޕީ ސަރުކާރުން ފަނަރަ ޓަނުގެ ކެޕޭސިޓީއަކަށް ދަށްކުރެވުނު މަސް ފެކްޓްރީތައް މިހާރު މި ސަރުކާރުން ވަނީ 50 ޓަނަށް ބަދަލުކުރެވި، މިއަހަރު ނިމުމުގެ ކުރިން ގާތްގަނޑަކަށް 65 މެޓްރިކްޓަނުގެ ކެޕޭސިޓީއަށް މަސްވެރިންނަށްޓަކާ ފުޅާކޮށްދީފައި" 

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތަށްވެސް އާރޯކަން ލިބެމުންދާކަން އިކޮނޮމިކް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި 800 އާއި 1000 ޕަސެންޓްގެ ކުރިއެރުމެއް ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއިން ހޯދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.