ޚަބަރު

ޒުވާނުންގެދުވަހުގެ ޙަރަކާތްތަކަށް ބޮޑު ތަރުހީބެއް!


ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ޔޫތް ޔޫތްމިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގައި މިއަހަރު ކުލަ ގަދަކޮށް ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތް މިނިސްޓްރީން ވަނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައެވެ. އެގޮތުން ޒުވާނުންގެ ދުވަސް ކަމުގައިވާ ނޮވެމްބަރމަހުގެ 17 ވަނަ ދުވަހު ދިވެހި ޒުވާނުންގެ ޢީދުގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ 44 ޔޫތް ސެންޓަރެއްގައި އަދި ސްރީލަންކާގައި ހުންނަ ޒުވާނުންގެ މަރުކަޒުގައިވަނީ ޙާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. އޭގެ ތެރޭގައި ޒުވާނުންގެ ޢާއިލީ ހަވީރާއި،  މިޔުޒިކާއި ބޮޑު ބެރު ޝޯވްތަކާއި ބާބެކިއު ޑިނަރ ނައިޓް ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/15111589184985.jpg|ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން-

އަދި "ސްޕޯޓްސް ފޯރ ހެލްތީ ޔޫތު"ގެ ނަމުގައި އައްޑޫ ސިޓީ ފޭދޫގައި "ރޯވިންގ" ޙަރަކާތެއް އަދި މާލެ ސިޓީގައި ބައިސްކަލް ދުއްވުމުގެ ޙަރަކާތެއް ވަނީ ބާއްވާފައެވެ.

މީގެ އިތުރުންވެސް ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތައް ބޭއްވުމަށް ޔޫތް މިނިސްޓްރީން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި މިމަހުގެ ތޭވީސްވަނަ ދުވަހު ބާއްވާ "ޒަވިޔަނި ޔޫތް ފެސްޓިވަލް"  ފާހަގަކޮށްލެވެއެވެ. މި ފެސްޓިވަލުގައި ވިޔަފާރިވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާއާއި، ޅެންވެރިކަމާއި، ލިޔުންތެރިކަމުގެ ދާއިރާއާއި، ކުރެހުމުގެ ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުނާއި ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ދާއިރާއާއި، އަތްތެރިކަމުގެ މަސައްކަތާއި، ތަޢުލީމާއި، ކަސްރަތާއި، ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންގެ ހުނަރުތައް ފެނިގެންދާނެއެވެ.

img:http://s3.psmnews.mv/images/660x400/15111589392022.jpg|ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން-

އަދި މިމަހުގެ 26ވަނަ ދުވަހު ޒުވާނުންގެ އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ވަނީ ނިންމާފައެވެ. ޒުވާނުންގެ އެވޯޑަކީ ދިވެހި ޒުވާނުން ބައިނަލްއަޤްވާމީ އަދި ޤައުމީ ހައިސިއްޔަތުންނާއި ފަރުދީ ހައިސިއްޔަތުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް ޔާމީން ދެއްވަން ފެށްޓެވި ޝަރަފުވެރި އެވޯޑެކެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި އެގާރަ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

img:http://s1.psmnews.mv/images/660x400/15111595229930.jpg|

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ ފޯރަމަކުންނެވެ. މިމަހުގެ އަށާވީސްވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ ޔޫތް ފޯރަގައި ސަތޭކައަށްވުރެ ގިނަ ޒުވާނުން ބައިވެރިވާނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 17 ވަނަ ދުވަސް ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަަކުރަމުން އަންނައިރު، އަދުގެ ސަރުކާރު ވެރިކަމާ ޙަވާލުވި ތާރީޚީ ދުވަހަށްވުމަކީވެސް ޒުވާނުންނަށް ޚާއްޞަ އިސްކަމެއްދޭކަން ފާހަގަވާކަމެކެވެ.