ޚަބަރު

ޤައުމުގެ މުސްތަޤްބަލަށް، ހަރުދަނާ ދީންވެރި ޒުވާން ޖީލެއް މުހިންމު


ކީރިތި ޤުރުއާނާއި، ރަސޫލާގެ ސީރަތުގެ އަލީގައި، އިސްލާމްދީނުގައި ޒުވާނުންގެ މަޤާމަކީ ކޮބައިކަން މިއަދުގެ ޚުކުރު ހުތުބާގައި ބަޔާންކޮށްދީފިއެވެ.

މިއަދު ރާއްޖޭގެ ޙާލަތަށް ބަލާއިރު، މުސްތަގްބަލް އުޖާލާކުރެވެން އޮތީ، އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ސާބިތުވެ ތިބޭ ޒުވާން ޖީލެއް ބިނާކޮށްގެންކަން ފާހަގަކުރައްވާ، މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މައިންބަފައިންނަށް ވަރަށް ބޮޑު އިލްތިމާސެއް ކުރައްވާފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އިމާމް ވިދާޅުވީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތުގައި ޒުވާނުންނަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާފައިވާކަމަށެވެ. އަދި އިސްލާމްދީނުގައި ޒުވާނުންނަށް ތަޢުރީފްކޮށް، މަތިވެރި މަޤާމެއްދީފައިވާ ކަމަށްވެސް އިމާމް ވިދާޅުވިއެވެ.

ކަހުފް ސޫރަތުގައި ބަޔާންވެގެންވާ ހޮހަޅައާއި ގުޅޭ އާޔަތްތަކަށް އިޝާރާތްކޮށް، ޒުވާން ޢުމުރުގައި އަޤީދާ ހިމާޔަތްކޮށް ހައްޤު ގޮތް ހޯދުމަށް ކުރެވޭ މަސައްކަތަކީ ﷲ ލޯބިވެވޮޑިންގެވާ ކަމެއްކަން އެ އާޔަތްތަކުން އެނގިގެންދާކަން އިމާމް ވަނީ ފާހަގަކައްވާފައެވެ. ރަސޫލާގެ ސީރަތާއި، އެކަލޭގެފާނުގެ ހަޔާތްޕުޅުން، ޒުވާނުންނަށް އިސްކަންދެއްވުމުގައި ޢަމަލީ އެތައް ނަމޫނާއެއް ދެއްކެވި ކަމަށާއި، މުހިންމު ލަޝްކަރުތަކުގެ އިސް ކޮމާންޑަރުންގެ ގޮތުގައި، އަދި ޤައުމުތަކަށް ފޮނުއްވާ ސަފީރުންގެ ގޮތުގައިވެސް ޒުވާނުން އައްޔަން ކުރައްވާފައިވާކަން ފާހަގަކުރައްވާ، އިސްލާމްދީނުގައި ޒުވާނުންގެ މަޤާމަކީ ކޮބައިކަން ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުގެ އަލީގައި މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.

" މާތް ސަޙާބީ އުސާމާ ބިން ޒައިދުގެ ޢުމުރުފުޅުން 18 އަހަރުފުޅުގައި އިސްލާމީ ލަޝްކަރުގެ ކޮމާންޑަރަކަށް އަންޔަން ކުރެއްވި. އެ ލަޝްކަރުގައި އަސްހާބު ބޭކަލުންކުރެ، އެންމެ އިސް ބޭކަލުން ހިމެނިވަޑައިގެންނެވި. އެކި ތަންތަނަށް ފޮނުއްވެވި ޒުވާން ސަފީރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ މާތް ސަޙާބީ މުސްއަބު ބިން ޢުމައިރު. އެކަލޭގެފާނު ފޮނުއްވެވީ މަދީނާއަށް ކީރިތި ރަސޫލާ މައްކާ ދޫކުރައްވާ މަދީނީ ހިޖުރަ ކުރެއްވިއިރު، މުސްއަބު ބިން ޢުމައިރުގެ މަސައްކަތްޕުޅުގެ ސަބަބުން މަދިނާގައި އޮތީ އިސްލާމްދީން ފެތުރިފަ. ﷲ ގެ ރަޙްމަތްފުޅުން އިސްލާމްދީނަށް ނަސްރާއި ފަތަހަ ލިބި، އިސްލާމީ ދައުލަތް އުފެދިގެންއައީ މިފަދަ ޒުވާނުން ކުރެއްވި ބުރަ އަދި މަތިވެރި މަސައްކަތްތަކުގެ ސަބަބުން. އެ ޒުވާނުންނަކީ ވަގުތުތައް ބޭކާރު ކުރުމެއްނެތި ދިރިއުޅުން އާރާސްތުކޮށް، އިގްތިޞާދީ ފުއްދުންތެރި ޖީލެއްގެ ނަމޫނާ ދެއްކެވުމަށް ގަދައަޅާ މަސައްކަތް ކުރައްވާ، ހަލާލް ރިޒްޤު ހޯދުމަށް މަސައްކަތް ކުރެއްވި ބޭކަލުން. އެހެންކަމުން މި އަޒުމާ ކެރުމާއި، ހިތްވަރުގައި ސާބިތުވެ ތިބުމަށް މިއަދުގެ ޒުވާން ޖީލަށް ނަސޭޙަތްތެރިވަން " ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

އުންމަތުގެ ގިނަ ކަންކަމުގައި ޒުވާނުންނާ މަޝްވަރާކޮށް ރައުޔު ހޯއްދެވުމުގެ ރިވެތި މިސާލުތައްވެސް ސުންނަތުން ފެނިފައިވާ ކަމަށް އިމާމް ވިދާޅުވިއެވެ. އެހެންކަމުން އިސްލާމީ އުންމަތް ބިނާ ކުރުމުގައި ޒުވާނުން އަދާކޮށްފައިވަނީ ތާރީޚް ފަހުރުވެރިވާފަދަ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ޒުވާނުންނާ މުޚާތަބްކޮށް އިމާމް ވަނީ ޒުވާނުން ކުރަމުން އަންނަ ކަންކަން އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ދިވެހި ޤައުމު މިއަދު މިވަނީ ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަހުޒީބާއި، ތަރައްޤީގެ އާ އުސްމިންތަކަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށާއި، މި މަސައްކަތް ކާމިޔާބު ވަނީ ޤައުމުގެ ޒުވާނުން، ހެދިބޮޑުވަމުން އަންނަ ޖީލަކީ ހެޔޮލަފާ ބަޔަކަށް ވެގެން ކަމަށް އިމާމް ވިދާޅުވިއެވެ. އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ޒުވާން ޖީލު ބިނާކޮށްދިނުމަށް ޚުތުބާގައި ވަނީ މައިންބަފައިންނަށް އިލްތިމާސްކޮށްފައެވެ.

" ޒުވާނުންނަކީ ޤައުމު ފަޚުރުވެރިވާ ބަޔަކަށް ހެދުމުގައި މައިންބަފައިންގެ ޒިންމާ އަދާކަރަން ޖެހޭ. ޒުވާނުންނަށް އިސްލާމްދީނުގެ އަޤީދާ ދަސްކޮށްދީ، ސުންނަތުގެ މަތީގައި އުޅުމަށް ނަސޭހަތްވާން ޖެހޭ. ޒުވާނުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި، ވަޒަނުގެ ކުލުނާއި، އިސްލާމްދީނަށް ލޯބި ޖައްސާ، އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި އުޅެން ދަސްކޮށްދޭން ޖެހޭ. " ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

ޒުވާންދުވަސްވަރު ހެޔޮގޮތުގައި ހޭދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، އިމާމް ވިދާޅުވީ، ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ގުޅޭގޮތުން ޤިޔާމަތް ދުވަހުން ސުވާލުކުރައްވާނެ ކަމަށް ހަދީސްގައި އައިސްފައިވާ ކަމަށާ، އެހެންކަމުން ޒުވާންކަމަކީ ޢުމުރުގެ މުހިންމު ބައެއް ކަމަށެވެ. އަދި މިކަމާމެދު ހުރިހާ ޒުވާނުން ސަމާލުވާން ޖެހޭ ކަމަށްވެސް އިމާމް ވިދާޅުވިއެވެ.