ޚަބަރު

ކަރަންޓާއި ކާބޯތަކެތިގެ އަގު ހެޔޮ ކުރުމަށް ބަޖެޓްގައި ހިމަނައިފި


އަންނަ އަހަރުގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 200 މިލިއަން ރުފިޔާ އަދި ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 50 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ކަރަންޓުގެ އަގު ހެޔޮ ކުރަން ހިމަނައިފައިވާއިރު ކަރަންޓް ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 10 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ. އަދި އަޅާލާނެ ފަރާތެއް ނެެތް ފަރާތްތަކަށް ދައުލަތުން ދޭ އެހީއެއްގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި.

2018 ވަނަ އަހަރުގެ ރިކަރަންޓް ޚަރަދުގެ ތެރެއިން ސަރުކާރުން ދޭ އެހީއާއި ސަބްސިޑީސްއަށް ޖުމްލަ 1،992 މިލިއަން ރުފިޔާ ޙަރަދުކުރުމަށް ވަނީ ބަޖެޑުކޮށްފައި. މި އަދަދަކީ 2017ވަނަ އަހަރުގެ ނިޔަލަށް އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 2.9 އިންސައްތަ އިތުރު އަދަދެއް.

ސަބްސިޑީގެ ޚަރަދުތައް އިތުރުވާނެކަމަށް ބެލެވެނީ ކާބޯތަކެއްޗާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ދޭ ސަބްސިޑީ އިތުރުވާނެ ކަމަށް ލަފާކުރެވޭތީކަމަށް ބަޖެޑްގައި ވޭ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ ހަތާވީސް ބިލިއަން، ނުވަސަތޭކަ ފަސްދޮޅަސް ހަ މިލިއަން، ތިން ލައްކަ ތިން ހާސް، ނުވަ ސަތޭކަ ފަސްދޮޅަސް އަށްރުފިޔާ.