ޚަބަރު

މާދަމާރޭ "ހިޔާ" މަޝްރޫޢު އިފްތިތާޙުކުރަނީ


ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބާއްވާ ޙާއްސަ ރަސްމިއްޔާތު މާދަމާރޭ އޮންނާނެއެވެ.

މި ރަސްމިއްޔާތުގައި "ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިއީ ގާތްގަނޑަކަށް 100 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކުރިއަށް ނުގެންދާވަރުގެ ބިޔަ މަޝްރުޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

"ހިޔާ" މި މަޝްރޫޢަކީ ސަރުކާރު ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުން، އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.