ޚަބަރު

4 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މިރޭ!


ސަރުކާރުގެ 4 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ ކާނިވާ ސަރަޙައްދުގައި އޮންނާނެއެވެ.

"ބަހާރެކޭ" މި ނަމުގައި ބާއްވާ މި ޙާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެން، ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ޖަލްސާގައި ފާއިތުވި 4 އަހަރު ސަރުކާރުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ދިވެހި ރައްޔިތުންނާއި ހަމައަށް ވަރަށް ތަފްސީލީގޮތެއްގައި ގެނެސްދެއްވާނެކަމަށެވެ.

މި ޖަލްސާގައި ރައްޔިތުންނަށް އައު އުއްމީދުތަކެއް ގެނުވާނެ، މުހިއްމު ކަންތައްތަކެއް ރައީސް ޔާމީން އިޢުލާން ކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްވުރެ ޤައުމީ ރޫޙެއްގައި ބާއްވާ ޤައުމީ ޖަލްސާއެއްގެގޮތުގައި މިނިސްޓަރ އަޒްލީން ވަނީ ސިފަކުރައްވާފައެވެ."ބަހާރެކޭ" މި ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 8 ޖަހާއިރު އަލިމަސް ކާނިވާ ސަރަޙައްދުގައެވެ. މި ޖަލްސާއަށް އާންމުކޮށް ހުރިހާ އެންމެނަށް ވަނީ ދައުވަތު އަރުވާފައެވެ.

މިރޭގެ ޖަލްސާ ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.