ޚަބަރު

މިއަދަކީ ޤައުމީ ޒުވާނުންގެ ދުވަސް


ޒުވާނުންގެ ދައުރު ފުޅާކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެކެވެ.

ޒުވާނުން ބާރުވެރި ކުރުވައި ޒުވާނުންނަށް ފަހި މުސްތަޤްބަލެއް ހޯދައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަޢުދެކެވެ. ޤައުމީ ޒުވާޏުންގެ ދުވަހެއް ފާހަގަކުރަމުން އަންނަ އިރު ސަރުކާރުން ޒުވާނުންނަށް ދޭ އިސްކަމާއި، ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ބަލާލުމަކީ މުހިއްމުކަމެކެވެ.

ދިވެހި ޤައުމުގެ އިޤްތިޞާދު ހަރުދަނާވުމާއި، ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުކޮށް އިޖުތިމާޢީ ހަމަޖެހުމާއި، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށާއި އެންމެހައި ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ލިބިގެންދާނެކަން ޔަޤީނެވެ.

img:http://s3.psmnews.mv/images/660x400/14628602403269.jpg|ޔޫތް އެކްސްޗޭންގް ޕްރޮގްރާމްގެ ދަށުން އިންޑިއާއަށް ފުރި ޒުވާނުން / ފޮޓޯ؛ ޕީއެސްއެމް

ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ޒުވާނުންގެ ހާލަތު ރަނގަޅުކުރުން ކަމުގައި އަދުގެ ސަރުކާރުން ޤަބޫލުކުރެއެވެ. ޤައުމީ ޒުވާނުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު، ބަލާލި ކޮންމެ ދިމާއަކުންވެސް މިއަދު ފެންނަނީ ދިވެހި ޒުވާނުންގެ ކުރިއެރުމަށާއި، ތަރައްޤީއަށްޓަކައި ހިންގޭ އެކިވަރުވަރުގެ މަޝްރޫޢުތަކެވެ. ޒުވާނުންނަކީ، ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ބަޔަކަށްވާއިރު، އެކަންް އެންމެ ފުރިހަމަ ގޮތުގައި ހާސިލުކޮށް ޤައުމަށާއި މުޖުތަމަޢަށް ފައިދާާކުރަނިވި މަސައްކަތްތަކެއްް ކުރާ ބަޔަކަށް ޒުވާނުން ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

img:http://s4.psmnews.mv/images/660x400/15109032969399.jpg|

ޒުވާނުންނަށް ޚާއްސަކޮށްގެން ޒުވާނުންގެ ދާއިރާކުރިއެރުވުމަށް މީގެކުރިން އެކި ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ވޭތުވެދިޔަ 4 އަހަރު ފާހަގަކުރެވެނީ ޒުވާނުން ބާރުވެރިކޮށް ޒުވާނުން މަގުމަތީގައި ގިނަވެފައި ތިބުން ނިމުކަމަކަށް ގެނައުމަށް ތަފާތު މުހިއްމު މަސައްކަތްތައް ކުރެވުނު މުއްދަތެއްގެ ގޮތުގައެވެ. އެގޮތުން، ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94000 ވަޒީފާގެ ފުރުޞަތުގެ ދަށުން ނޮވެމްބަރު 2013 އިން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 90،600 (ނުވަދިހަ ހާސް ހަސަތޭކަ) އަށްވުރެ ގިނަ ވަޒީފާ އެކި ދާއިރާތަކުން އުފެދިފައިވާކަމަށް ޔޫތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ސިވިލް ސަރވިސް އާއި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އިތުރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން އުފެދުނު ވަޒީފާތައް ހިމެނެއެވެ.

tw:https://twitter.com/MinYouthSports/status/931215444320456704

ޒުވާނުންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ މަސައްކަތައް ބަލާއިރު، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވެސް ފީއަކާއި ނުލައި ފުޓުބޯޅަ ކޯޗިން، ފުޓުބޯޅަ ރެފްރީ، ވޮލީ ކޯޗިން، ވޮލީ ރެފްރީ، ނެޓްބޯޅަ އަމްޕަޔަރިން، ބެޑްމިންޓަން އަމްޕަޔަރިން، އެތްލެޓިކްސް ކޯޗިން، ފިޒިކަލް އެޑިއުކޭޝަން ފަދަ ދާއިރާތަކުން 56 ކޯސްވަނީ ހިންގާފައެވެ. އަދި މި ކޯސްތަކުގައި 928 ޒުވާނުން ވަނީ ތަމްރީން ކޮށްފައެވެ.

ޒުުވާނުންގެ މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ދަނީ ޤާއިމްކުރެވެމުންނެވެ. އެގޮތުން މިހާތަނަށް 74 ކަށްވުރެ ގިނަ ރަށުގައި ފުޓްސަލް ދަނޑު ޤާއިމްކޮށްފައިވާއިރު 110 އަށްވުރެން ގިނަ ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި 89 ބަށި ކޯޓާއި، 48 ރަށެއްގައި 79 ވޮލީ ކޯޓާއި، 41 ނެޓް ބޯޅަ ކޯޓާއި، 11 ބާސްކެޓް ކޯޓު ވަނީ ޤާއިމްކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/15109034334716.jpg|

ކުޅިވަރުގެ ދާއިރާއަށް، ޤާނޫނީ ބާރުވެރިކަން ހޯދައި، ރާއްޖޭގެ ކުޅިވަރަކީވެސް ބައިނަލްއަޤުވާމީ ފެންވަރެއްގައި އަމަލުކުރެވޭ ނިޒާމެއްގެ ދަށުން ޤާނޫނީ އިމުގެ ތެރެއިން ހިނގާ ކަމެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކުޅިވަރުގެ އާ ޤާނޫނުގެ ދަށުން ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްއެއް އައްޔަންކުރެވި، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބްތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީ ކުރެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. ކުޅިވަރުގެ ޤާނޫނުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތްތަކެއް ބާރު ސްޕީޑުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.

img:http://s4.psmnews.mv/images/660x400/15068322780870.jpg|:ފައިލް ފޮޓޯ-ޕީއެސްއެމް

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރައެއް ކަނޑައެޅި، ވަކި މުސާރައެއްގެ ދަށުން މަސައްކަތްކުރާ ކުޅުންތެރިންތަކެއް ކަމުގައި ކަނޑައަޅައި މުސާރާދޭން ވަނީ ފަށާފައެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ރޮނގުން ޤައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އިނާމްގެ ގޮތުގައި ފައިސާ ދޫކުރަން ފަށާފައިވާއިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި ސައުތް އޭޝިއަން ގޭމްސްގައި މެޑަލް ހޯދައިފައިވާ ކުޅުނެތެރިންނަށް އަންނަނީ ފައިސާގެ އިނާމު ދެއްވަމުންނެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 17 ވަނަ ދުވަސް ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަަކުރަމުން އަންނައިރު، އަދުގެ ސަރުކާރު ވެރިކަމާ ޙަވާލުވި ތާރީޚީ ދުވަހަށްވުމަކީވެސް ޒުވާނުންނަށް ޚާއްޞަ އިސްކަމެއްދޭކަން ފާހަގަވާކަމެކެވެ.

ދިވެހި އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނެވެ. އެހެންކަމުން ރާއްޖެ ތަރައްޤީގެ ‏‏މަގުގައި ކުރިއަށް ‏‏ގެންދިޔުމަށް ބޭނުންވާ ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ‏‏ޙަރަކާތްތެރިކަމާއި، އެމީހުންގެ ހޫނު ލެޔާއި، ‏‏ޖޯޝާއި، ވިސްނުމާއި، ހަކަތަ ސަރުކާރަށާއި މުޅި ދިވެހި ޤައުމަށްވެސް ބޭނުންވެއެވެ.