ރިޕޯޓް

"ޒުވާނުންގެ މެނިފެސްޓޯގެ 80 އިންސައްތަ ހާސިލުވެއްޖެ"


ޒުވާނުންގެ އުންމީދުތައް ހާސިލް ކުރެއްވުމަށް ރައީސް ޔާމީން ހުށަހެޅުއްވި މެނިފެސްޓޯގެ 80 އިންސައްތަ މަސައްކަތް ހާސިލުވެފައިވާކަމަށް ޔޫތް މިނިސްޓަ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ދެއްވި ޚިޠާބުގައި ވިދާޅުވީ، ޒުވާނުންނަކީ ޤައުމުގެ މުސްތަޤުބަލްކަމަށާއި، ތަރައްޤީއާއި ކުރިއެރުން ގުޅިފައިވަނީ ޤައުމުގެ ޒުވާނުންނާއި ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި ފާއިތުވެގެންމިދާ ދައުރުގެ ތެރޭގައި ޒުވާނުންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ނަމޫނާ މަސައްކަތްތަކެއްކަމަށެވެ. މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ޒުވާނުންގެ ހައްޤުގައި ރައީސް ޔާމީން ގެނެސްދެއްވި އިންޤިލާބީ ބަދަލުތަކުގެ ހެޔޮ ނަތީޖާ މިފަސްގަނޑުން މިއަދު ފެންނަމުންދާކަމަށެވެ.

"ދިވެހި ޒުވާނުންނަކީ ޤައުމުގެ އެންމެ އިސް ޒިންމާ އަދާކުރަންޖެހޭ ފަރާތްކަމުގައި މިއަދު ޤަބޫލުކުރޭ. ޒުވާނުންނަކީ ފުރުޞަތު އޮތް ޤައުމީ ކަންކަމުގައި ބަސްބުނުމުގެ އިޚުތިޔާރު އޮތް ބަޔަކަށް މިއަދު މިވަނީ ވެފަ. ކޮންމެ ޒުވާނަކީވެސް ޒިންމާއެއް އޮތް ޒިންމާދާރު ފަރާތްތަކަށް ވުމުގެ ފުރުޞަތު ވަނީ ހުޅުވިފަ. މިއަދު ދިވެހި ޒުވާނުންވެސް، ދިވެހި ޤައުމުވެސް ޤަބޫލުކުރާ އެންމެ ބޮޑު އެއް ހަޤީޤަތަކީ ދިރުމެއް ވާކަމުގައިވާނަމަ އުންމީދެއް އޮތްކަން. އެ އުންމީދުތަކާއިއެކު ކުރިބޯއްޓާއި ހަމަޔަށް ވާސިލުވުމަށް މިއަދު މިކުރެވޭ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން ބޮޑުކަމީ އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް" މިނިސްޓަރގެ ޚިޠާބުގައި ވިދާޅުވިއެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ޒުވާނުންނަށް ޚާއްސަ މެނިފެސްޓޯއަކާއިގެން ވަޑައިގެންނެވި ރައީސް ޔާމީންގެ ޒަޢާމަތަށް 4 އަހަރުފުރޭ އުފާވެރި މުނާސަބާ ފާހަގަކުރަމުންދާއިރު، ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒުވާނުންގެ އުއްމީދުތައް ހާސިލުކޮށްދެއްވުމަށް ރައީސް ޔާމީން ހުށައެޅުއްވި މެނިފެސްޓޯގެ 80 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވުން ކަމަށެވެ. އަދި ފާއިތުވި 4 އަހަރަކީ ހުރިހާ ގޮތަކުން ބެލިކަމުގައިވީނަމަވެސް ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެން ގޮސްފައިވާ ކާމިޔާބު 4 އަހަރުގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

"ފާއިތުވެގެން މިދިޔަ ހަތަރު އަހަރަކީ ހުރިހާ ގޮތަކުންވެސް ބެލިކަމުގައިވީނަމަވެސް ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެން ގޮސްފައިވާ ކާމިޔާބު 4 އަހަރު. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރީނާގެ މަސައްކަތް ވަނީ ކުރެވިފަ. ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓްތަކާއި ނެޓްބޯޅަ، ބަށި ކޯޓްތައް އެޅި އެދަނޑުތައް ރޭގަނޑާއި ދުވާލު އެއްވެސް ފީއަކާއި ނުލައި ޒުވާނުން ދަނީ ބޭނުންކުރަމުން..... ޔޫތު ޗެލެންޖާއި، ޖޮބްފެއާތަކުން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހޯދައިދެވި ގިނަ ވަޒީފާތަކެއް ޒުވާނުންނަށް ވަނީ ފަހިކޮށްދެވިފަ. ކުރިމަގު ރާވާލާނެ ގޮތެއްނޭގިފައިތިބި އެތަކެއް ޒުވާނުން ގެޓްސެޓް ލޯނާއި، އެސްއެމްއީ ފަދަ ލޯނުތަކުން ވިޔަފާރީގައި ކާމިޔާބު ބަޔަކަށްވެއްޖެ" މިނިސްޓަރގެ ޚިޠާބުގައި ވިދާޅުވިއެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި މިނިސްޓަރ ވަނީ، ޒުވާނުން ބާރުވެރިކުރުވާ، ޒުވާނުންނަކީ ޤާބިލް، މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާ، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެއްވެސް ފުޅާކުރުމަށް އަޒުމް ކަނޑައެޅުމަށް ހުރިހާ ޒުވާނުންނަށް ގޮވާލައްވާފައެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޒުވާނުންގެ ހިއްސާ – ޤައުމުގެ ކުރިމަގު" މި ޝިޔާރެވެ. މި ޝިއާރުގެ މަޤްޞަދަކީ ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުން ބޮޑުކުރުމަށް ހިތްވަރުދިނުންކަމުގައި ސަރުކާރުން ވިދާޅުވެއެވެ.