ޚަބަރު

މިއީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ބަޖެޓެއް- މެންބަރުން


އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ބަޖެޓަކީ ތަރައްޤީއާއި ގުޅުންހުރި، އަދި ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ، ބަޖެޓް ބަހުސްގެ ފުރަތަމަ ޖަލްސާގައެވެ. ބަޖެޓަށް ބަހުސްކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެފައިވަނީ ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން އެކަންޏެވެ. 

އެ މެންބަރުން ވިދާޅުވީ، މިބަޖެޓުން މި ސަރުކާރުން ތަރައްޤީއަށް ގެންގުޅޭ ވިސްނުން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި މި ބަޖެޓަކީ، އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނެސް، އިޤްތިޞާދު ކޮޅަށް ޖެހުމަށް އަމާޒު ހިފާފައިވާ ބަޖެޓެއް ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. ގިނަ މެންބަރުން ވަނީ އަންނަ އަހަރު ކަރަންޓާއި ކާޑްގެ އަގު ހެޔޮކުރުމަށް ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް ތާޢީދުކުރައްވައި ވާހަކަފުޅުދައްކާފައެވެ. 

އަދި ފެނާ ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ވޭތުވެދިޔަ ހަތަރުއަހަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ހިންގާފައިވާކަމަށާއި، އަންނަ އަހަރު ގިނަ ރަށްތަކެއްގައި ފެނާ ނަރުދަމާގެ މަޝްރޫޢުތައް ހިންގުމަށް ހިމަނުއްވާފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފެނާއި ނަރުދަމާގެ 57 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނުއްވާފައިވެއެވެ. 

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތާވީސް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންގެ ދިރިއުޅުން އެހެން މަރުހަލާއަކަށް ގެންގޮސްދޭނެ، ރައްޔިތުންނާ ގުޅުން ހުރި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ.