ޚަބަރު

މިފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރު - އާޞިފް


ރާއްޖެއަށް މިއަންނަ ތަރައްޤީއާއެކު ރައްޔިތުންގެ ވިސްނުން ބަދަލުކުރަންޖެހޭކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާގެ ނާއިބްރައީސް އިސްމާޢީލް އާސިފް ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅުއްވި ބަޖެޓާބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްމާއީލް އާސިފް ވިދާޅުވީ، މި ބަޖެޓަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ފައިދާކުރާނެ ބަޖެޓެއްކަމަށެވެ. މިގޮތުން ތަޢުލީމީ ދާއިރާއަށް ގެނައުމުން ނިންމާފައިވާ ބަދަލުތަކާއި، ސިވިލް ސާރވަންޓްގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަކީ ޒަމާނީ ވިސްނުމާއެކު ނިންމާފައިވާ ވަރަށް ރަނގަޅު ނިންމުމެއްކަމަށް އާސިފް ވިދާޅުވިއެވެ. އަދި ޤައުމެއް ތަރައްޤީވެގެން ކުރިއަރައިގެންދާނީ ތަސައްވަރަކާއެކީގައިކަމަށާއި، ދިވެހިރާއްޖެއިން މިއަދު މިފެންނަ ތަރައްްޤީއާއި ހޯދަމުންދާ ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނޭ ތަސައްވަރުކަމަށް އާސިފް ވިދާޅުވިއެވެ. އަދި މި ތަސައްވަރާއެކު އަޅުގަނޑުމެންގެ ވިސްނުންވެސް ބަދަލުކުރަންޖެހޭކަމަށް އާސިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ ދިވެހިރާއްޖޭގައި މިވަގުތު ވެރިކަންކުރަންހުރި ބޭފުޅާގެ ތަޞައްވަރު. އެޞައްވަރުގެ ދަށުން އަޅުގަނޑުމެން މިހާރު ތަރައްޤީވަމުން ނުވަތަ ކުރިއަރަމުން މިދަނީ. އަޅުގަނޑު ދަންނަވާނީ ރާއްޖެއިތުރަށް ކުރިއަށްދާން ބޭނުންވާކަމަށްވަންޏާ އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ބުއްދި އަމިއްލައަށް ބޭނުންކުރަން. ކޮންމެހެން ކޯޓެއް ލައިގެން ދޮން މީހަކު އައިސް އަޅުގަނޑުމެން ކައިރީގައި މިހާރު ތިއޮތީ ތަރައްޤީވެފައޭ ނުބުންޏަސް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ބުއްދި ބޭނުންކޮށްގެން މިހާރު ތަރައްޤީވަނީކަން ޤަބޫލްކުރަން. އަދި ތަރައްޤީވަމުން އަންނައިރު ކުރީގައި ގަބޫލްކޮށްގެން ގެންގުޅުނު ވިސްނުން އެބަޖެހޭ ބަދަލުކުރަން". އާޞިފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 27.9 ބިލިޔަން ރުފީޔާގެ ބެޖެޓެެކެވެ.