ތިމާވެށި

"ކިގަލި" އެމެންޑްމަންޓަށް ޢަމަލުކުރަން ރާއްޖެއިން ނިންމައިފި


ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ މާއްދާއެއްކަަމަށްވާ ހައިޑްރޯ ފްލޮރޯ ކަރަބަންސް(އެޗްއެފްސީ) ބޭނުންކުރާ މިންވަރު މަދުކުރުމަށް އެކުލަވާލި ކިގަލި އެމެންޑްމަންޓައް ޢަމަލުކުރަން ރާއްޖެއިން ނިންމައިފިއެވެ. 

ކިގަލި އެމެންޑްމެންޓްގައި ރާއްޖެއިން ބައިވެރިވެފައިވަނީ މޫސުމަށް އަންނަބަދަލުތަކުގެ މުޢާހަދާގެ 23 ވަަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް "ކޮޕް 23"ގައި ބައިވެރިވެ ވަޑައިގަތުމަަށް އެންވަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. 

ކިގަލި އެމެންޑްމަންޓަކީ ނުރައްކާތެރި ގޭހުގެ މާއްދާތަކުގެ ސަބަބުން އޯޒޯން ފަށަލަ ތުނިވެ، ދުނިޔެއަށް އިރުގެ ދޯދިތަަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، "މޮންޓްރިއަލް ޕްރޮޓޮކޯލް" އަށް ގެނައި އިސްލާހެކެވެ. ދިވެހިރާއްޖެއަކީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އެކުލަވާލާފައިވާ ކިގަލި އެމަންޑްމަންޓް ތަސްދީޤްކުރި 12ވަނަ ޤައުމެވެ. މި މަސައްކަތުގެ ސަބަަބުން ދުނިޔެހޫނުވުން 0.5 ޑިގްރީ ސެސްސިއަސްއަށް ކުޑަކުރެވޭނެކަމަށް އދ. އެންވަރަމެންޓް ޕްރޮގްރާމުން ބުނެއެވެ. 

އެޗްއެފްސީ ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ ގޭގޭގައި ބޭނުުންކުރާ ރެފްރިޖަރޭޓަރާއި، އެއަރކޮންޑިޝްންފަދަ ފިނި ކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. 

މިނިސްޓަރ ތާރިޤް އިބްރާހީމްގެ މިދަތުރުފުޅުގައިވަނީ މޫސުމާބެހޭ އެކިއެކި މުޢާހަދާތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވައި، ދިވެހިރާއްޖެއަށް މޫސިމީގޮތުން ދިމާވެފައިވާ މައްސަލަތަކާއި މޫސުމީ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަޑު އުފުލާނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށްޓަކައި ދިނުމަށް އެއްބަސްވެފައިވާ ފައިސާ އަވަހަށް އިންތިޒާމުކުރުމާއި ބެހޭގޮތުންކަމަށެވެ.