ކުޅިވަރު

އޭވީސީގެ ބޯޑަށް ވީއޭއެމްގެ ރައީސް ލަތީފް އިންތިޚާބުކޮށްފި


އޭޝިއަން ވޮލީބޯލަ ކައުންސިލްގެ ބޯޑު މެންބަރަކަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުކޮށްފިއެވެ. 

ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް އޭވީސީގެ ބޯޑަށް އިންތިޚާބުކުރީ މިއަދު ތައިލެންޑުގައި ކުރިއަށްދިޔަ އޭވީސީގެ ޖެނެރަލް އެސެމްބްލީގައެވެ. ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފަށް ޖެނެރަލް އެސްމްބްލީގައި ބައިވެރިވި ހުރިހާ މެންބަރު ގައުމަކުންވަނީ ތާއީދުކޮށްފައެވެ. 

އޭވީސީގެ ބޯޑަށް އިންތިޚާބުވުމަށްފަހު ވާހަކަދައްކަމުން ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ވޮލީ ކުރިއެރުމަށް ލިބުނު އިތުރު ފުރުސަތަކާއި ހިތްވަރެއްކަމަށާއި، ރާއްޖެއަށް ވޮލީން އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާނެކަމަށެވެ. 

"އޭވީސީ އަދި އެފްއައިވީބީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ރާއްޖޭގެ ވޮލީއަށްކުރާނަން" ލަތީފް ވިދާޅުވިއެވެ. 

އޭވީސީގެ މިހާރު ހިނގަމުންދާ ދައުރު ހަމަވަންދެން ބޯޑު މެންބަރެއްގެ ގޮތުގައި ހުންނަވާނެއެވެ. މިހާރުގެ ބޯޑުގެ މެންބަރުންގެ ދައުރު ހަމަވާނީ 15 ނޮވެމްބަރު 2019ގައެވެ. މި މަގާމުގައި ކުރިން ހުރީ ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒެވެ.