ޚަބަރު

ޒުވާނުންގެ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!


މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ޙަރަކާތްތަކެއް ހިންގުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ. 

އަންނަ ހުކުރުދުވަހު ފާހަގަކުރާ ޒުވާނުން ދުވާހާއި ގުޅިގެން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާގުޅޭ މަޢުލޫމާތުދެއްވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތަކުގެ 44 ހަތަރު ޒުވާނުންގެ މަރުކަޒުގައި އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެކަމަށެވެ. މީގެއިތުރުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަވަށްޓެރި ސްރީލަންކާގައިވެސް މި ދުވަހާއި ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހާގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ބައިކް މޯލްޑިވްސްއާއި ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތައް ހިމެނެއެވެ. 

މީގެ އިތުރުން ޕީއެސްއެމާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުންގެ ފޯރަމަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ފޯރަމް ވެގެންދާނީ މިހާތަނަށް ޒުވާނުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ފޯރަމްކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. 

ޒުވާނުންގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޒަވިޔަނި" ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، ރަސްފަންނު ސަރައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި މިހާތަނަށް ފަސްދޮޅަހަށްވުރެ ގިނަ ސްޓޯލްއިން ބައިވެރިކޮށްފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.  މޫސުން ގޯސްވުމުމުގެ ސަބަބުންނާއި، ފެސްޓިވަލްގައި ބައިވެރިވުމަށް އަދިވެސް ގިނަ ހުށައެޅުންތަކެއް ލިބެމުންދާތީ މި ފެސްޓިވަލް ބާއްވާ ތާރީޚު ފަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް ޔޫތު މިނިސްޓްރީ ދައުވަތު ދެއެވެ.