ސިއްހަތު

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތައް 818 މިލިއަން ރުފިޔާ


ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރުމަށާއި، އެ ތަނަށް ބޭނުންވާ މެޝިނަރީ އާއި ތަކެތި ގަނެ، ޚިދުމަތަށް ބޭނުންވާ ޚަރަދުގެ ގޮތުގައި ޖުމުލަ 818 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭނެސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް ނިންމައި، ޚިދުމަތް ދޭން ފެށޭނެކަމަށް. އަދި ދަރުމަވަންތަ ހޮސްޕިޓަލް އަށް ބޭނުންވާ މެޝީނަރީއާއި ތަކެތި ގަތުމަށާއި ހިދުމަތަށް ބޭނުންވާ ހަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނާފާއިވާއިރު ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދިނުމަށް ސަރުކާރުން ބިނާކޮށްފައިހުރި، އެކިއެކި ހޮސްޕިޓަލްތަކަށާ، ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ހޯދުމަށާ، ކުއްލި ފަރުވާ ޚިދުމަތް ލިބެން ނެތް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ޤާއިމްކުރުމަށްވެސް މި ބަޖެޓުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވި.

ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ސިއްޙީ ނިޒާމް މިސަރަހައްދުގެ އެންމެ ފުރިހަމަ ސިއްޙީ ނިޒާމަކަށް ހެއްދެވުމަށް މަސައްކަތްކުރަމުން. އެގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ދެމުން ގެންދަވާ ޙިދުމަތްތައް އިތުރަށް ފުޅާކުރައްވާ، ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުން. އަދި މިއާއެކު ރާއްޖޭގެ ދެ ސަރަހައްދެއްގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރައްމުންދާއިރު، އުތުރުގެ ޓާޝަރީ ހޮސްޕިޓަލުން މިހާރު ދަނީ ހިދުމަތްދެމުން. އަދި މިއާއެކު ރާއްޖޭގެ ސިއްޙީ ނިޒާމަށް  އިންގިލާބީ ބޮޑު ބަދަކެއް ގެންނާނެ ދަރުމަވަންތަ ހޮސްޕިޓަލްގެ ފަންސަވީސް ބުރި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިމަހުގެ ސައްބީހަށް ނިންމައި އެތަނުން ހިދުމަތް ދޭން ފަށާނެކަމަށް ސަރުކާރުން ބުނޭ. ދަރުމަވަންތަ ހޮސްޕިޓަލުގެ މިހާރު ކުރަމުންދަނީ ބޭރުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް. އަދި މި މަސައްކަތްތައް ޝެއުލްއާއެއްގޮތަށް ކުރިއަށްދާކަމަށް ސަރުކާރުން ބުނޭ.

25 ބުރިއަށް އިމާރާތްކުރާ މި ހޮސްޕިޓަލުން ސަރުކާރުގެ މައި ހޮސްޕިޓަލްގައި މިހާރު ދެމުންދާ ހުރިހާ އައުޓްޕޭޝަންޓް ޚިދުމަތްތަކާއި، ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތައް ކުރެވޭނެ އިންތިޒާމް ޤާއިމްކުރެވިގެންދާނެ. ހަމައެއާކު، ޕްރިމިއަމް ހެލްތު ސަރވިސްގެ ޚިދްމަތް ތަޢާރަފްކޮށް، ޤައުމީ އަދި ޞިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް މިތަނުގައި ހަމަޖެހިގެންދާނެކަމަށް އައި.ޖީ.އެމްއެޗުން ބުނޭ. ދަރުމަވަންތައް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ތަފާތު އަދި އަގުބޮޑު އެއް ޢިމާރާތް. 140 މިލިއަން ޑޮލަރުގެ ބިޔަ މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަންއާއި. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާލާއިރު، މުޅި ޢިމާރާތަށް ބޭނުންވާ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް މިދިޔަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމާލާފައި. އަދި ރޭނުމާއި ތަޅުން އެޅުމުގެ މަސައްކަތުގެވެސް 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އައި.ޖީ.އެމް.އެޗް މައުލޫމާތު ދޭ ގޮތުގައި މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދަނީ ހޮސްޕިޓަލްގެ ބޭރު ފަރުމާ ކުރުމަށް ބޭނުންވާ ގްލާސް ކްލެޑިންގ ނުވަތަ ބިއްލޫރި ޖެހުމުގެ މަސައްކަތްކަމަށެވެ. އަދި އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާއިރު، ޢިމާރާތަށް ބޭނުންވާ ކަރަންޓު ވައިރިންގގެ މަސައްކަތާއި، އަލިފާން ނިއްވާ ނިޒާމުގެ ހޮޅިއެޅުމާއި، މެޑިކަލް ގޭސް ހޮޅިއެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.