ޚަބަރު

ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލުތަކެއް ދަނީ ގެންނަމުން


ރާއްޖޭގެ އިޤްތިސާދު ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތައް ކާމިޔާބު ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަބްދުލް ލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފެށި 10 ވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ދެކުނު އެޝިޔާގެ ޤައުމުތަކުން 200 އަށްވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެޑައިގަންނަވާ މިސަމިޓްގައި ސްޓޭޓް މިނިސްޓަރ ވަނީ ސަރުކާރުން ރާއްޖޭގެ އިޤްިތިސާދު ފުޅާކުރުމަށް ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ޒުވާނުންނަށާއި އަންހެނުންނަށް އަމާޒުކޮށް ދެއްވާ ލޯންގެ ފުރުސަތު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އަންހެން ބޭފުޅުން ވިޔަފާރީގެ ދައިރާއަށް ނެރުމަށް މަސައްކަތްކޮށް، ފުރުސަތު ފަހިކޮށް ދެމުންދާކަމަށް ލަތީފު ވިދާޅުވި އެވެ. 

"ރައީސް ޔާމީންގެ ސަރުކާރުން އަޅުއްވަމުންދާ އިޤްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބާރަށް ދަނީ ކުރިއަރަމުން. ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފަ. ރާއްޖޭގެ މައި އެއަރޕޯޓް ތަރައްޤީކޮށް ރާއްޖޭގެ އިޤްތިސާދު އެހެން ފަރުފަތަކަށް ގެންދިއުމަށް ރާއްޖެއިން ވަނީ އަމާޒު ހިފާފަ." އަބްދުލް ލަތީފް ވިދާޅުވިއެވެ.  

މީގެ އިތުރުން އިޤްތިސާދީ ގޮތުން ސަރަހައްދީ އެއްބާރުލުމުގައި ރާއްޖެއިން ފަސްނުޖެހޭނެކަން ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ. އެގޮތުން ސާކު މެދުވެރިކޮށް ކުރަމުންދާ މަސައްކަތާއި މިސަރަހައްދުގެ ޤައުމުތައް ގުޅިގެން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭރުގެ އިސްވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ކާމިޔާބުކަމަށާއި އެ ފުރުސަތު ހުރިހާ އިންވެސްޓަރުންނަށް އޮތްކަމަށް ވިދާޅުވިއެވެ.  

ދިހަވަނަ ސައުތު އޭޝިޔާ އިކޮނޮމިކް ސަމިޓަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށް ދިމާވެފައިވާ އިޤްތިސާދީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރު ބާއްވާ މަތީ ފެންވަރުގެ ސަރަހައްދީ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުމުގައި 200 އަށްވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެ ތަފާތު ދާއިރާތަކުން މަޝްވަރާކުރާނެއެވެ. އީއްޔެއިން ފެށިގެން މިމަހުގެ 16 އަށް ކުރިއަށްދާ މިބައްދަލުވުމުގައި ރާއްޖެ 6 ބޭފުޅުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަބްދުލް ލަތީފް މުހައްމަދާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާޙިމް ޝަރީފް މުހައްމަދާއި ސާރކް ސެކްރެޓޭރިއެޓަށް ރާއްޖެއިން ކަނޑއަޅާފައިހުންނަވާ ޑިރެކްޓަރ ރިޝްފާ ރަޝީދު އާއި ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ ހަސަން ޒިޔާޢު އާއި އިކޮނޮމިކް މިނިސްޓްރީގެ ޕްރޮގްރާމާ ސްޕެޝަލިސްޓް އަހުމަދު އިމްތިނާން ފާރޫޤްގެ އިތުރުން އިންޑިޕެންޓެންޑް އެކްސްޕާރޓް އައިޝާ ނިޔާޒެވެ.  މިބޭފުޅުން ތަފާތު ސެޝަންތަކުގައި ބައިވެރިވެ އެކިދާއިރާތަކުން ރާއްޖެއާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށްވަނީ ހަމަޖެހިފައެވެ.