ޚަބަރު

ޖުމްހޫރީ ދުވަސް ފާހަގަކުރަން "ހަބޭސް" ޓްރިވެންޑްރަމަށް


ރާއްޖޭގެ 49 ވަނަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބާއްވާ ޙަރަކާތްތަކެއްގައި މަޝްހޫރު ބޮޑުބެރު ގުރޫޕް "ހަބޭސް" އިން ޕަރފޯމް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ހަބޭސްގެ މެނޭޖަރ ޢަލީ ޝިފާއު ބުނީ، ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ޓްރިވެންޑްރަމްގައި އޮންނަ ޝޯވގައި ހަބޭސްއިން ބޮޑަށް މަސައްކަތް ކުރާނީ ދިވެހި ސަޤާފީ ހަރަކާތްތައް ދެއްކުމަށް ކަމަށެވެ.

މި ޝޯވގައި ހަބޭސް ބޮޑުބެރު ގުރޫޕާއި، ހަބޭސްގެ އެހެން ބޭއްޑެއްކަމަށްވާ ލެވިޓޭޝަން ބައި ހަބޭސްވެސް ޕަރފޯމް ކުރާނެއެވެ. ލެވިޓޭޝަން ބައި ހަބޭސްގައި ހަރަކާތްތެެރިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޓީވީއެމުން ބޭއްވި ވޮއިސް އޮފް މޯލްޑިވްސް ސީޒަން ދޭއް ކާމިޔާބުކުރި ޙަސަން ތޮލާޤާއި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ވިދާލި އިބްރާހިމް ވަހީދު، ބޮޑުބެ ހިމެނެއެވެ.

މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އިންތިޒާމްކޮށްގެން ބޭއްވި ހަކަރާތްތަކުގައިވެސް ހަބޭސްއިން ޕަރފޯމް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.