ޚަބަރު

ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ފަށައިފި


ހދ.ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު ފަށައިފިއެވެ. 

އެމްއާރްޑީސީން މަޢުލޫމާތުދޭގޮތުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ކުޅުދުއްފުށީ ސޯފާ ހިނގުމުންނެވެ. ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހުއްޓުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، ނަމަވެސް ތާރު އަޅަން ފަށާފައިވަނީ މައްސަލަ ޙައްލު ކުރުމަށްފަހުކަމަށް އެމްއާރްޑީސީން މަޢުލޫމާތުދެއެވެ. 

އެރަށުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގައެވެ. ކުޅުދުއްފުށީގެ 18 މަގެއް ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، 4 މަގެއްގެ މަސައްކަތް މިހާރުވަނީ މުޅިން ނިމިފައެވެ. މީގެތެރޭގައި ހިމެނެނީ އެރަށު ފަނޑިޔާރު މަގާއި، މަރުކަޒުމަގާއި، މަގާން މަގުގެ އިތުރުން ނިކަގަސް މަގުގައެވެ. 

ކުޅުދުއްފުށި މަގުތައް ތާރުއަޅައިގެން ރަނގަޅުފެންވަރެއްގައި ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ.