ޚަބަރު

ޖުމްހޫރީ 50ގެ ލޯގޯ އާއި ރަސްމީ ލަވަ އިފްތިތާހްކޮށްފި


ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރުފުރޭ ރަންޔޫބީލް އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމަވައި ޖުމްހޫރީ 50 ގެ ލޯގޯ އާއި ލަވަ ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފިއެވެ. 

49 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްހޫރިއްޔަތައް 50 އަހަރު ފުރުން  ކުލަގަދަކޮށް ފާހަގަކުރުމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ޖުމްހޫރީ 50 ރަމްޒުކޮށްދޭ ލޯގޯއާއި ރަސްމީ ލަވަ އިފްތިތާހްކޮށްދެއްވާފައެވެ. 

ފެއްސާއި ރަތާއި ހުދުން ފަރުމާކޮށްފައިވާ މި ލޯގޯއީން ރާއްޖޭގެ ޖުމްހޫރިއްޔާގެ ދިދައާއި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދެއެވެ. 

ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރުން އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމަވާފައިވާކަން ޢިއުލާން ކުރައްވަމުން ހޯމްމިނިސް އަޒްލީން އަހަމަދު ވިދާޅުވީ، ދިވެހިން ބަލައިގަނެފައިވާ ޖުމްހޫރީ ނިޒާމަށް 49 އަހަރު ފުރުފައިވާއިރު، ތަފާތު ދާއިރާތަކުން ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ވޭތުވެދިޔަ 4 އަހަރަކީ ޤައުމު ތަރައްގީ ކުރުމުގައި ފާހަގަކުރެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައިވާ މުއްދަތެއްކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. 

އަންނަ އަހަރު ރާއްޖޭގެ ޖުމްހޫރިއްޔަތައް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤާއްޔޫމް ނިންމަވާފައިވާއިރު، އެމަނިކުފާނުގެ ޒަޢާމަތުގައި 2015 ވަނައަހަރު ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސްއަހަރު ފުރުމުގެ ރަންޔޫބީލްވެސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.