ކުޅިވަރު

ޤައުމީ ބާސްކެޓް ލީގު ކިންްގްސ ބީސީ ހޯދައިފި


ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކިންގްސް ބާސްކެޓް ކްލަބް ހޯދައިފިއެވެ. 

ލީގުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ އަހަރު ކިންގްސް ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. ފަހު މެޗު ކިންގްސް ބީސީ ކާމިޔާބުކޮށް، ލީގު ކަށަވަރުކުރީ ހަތް ޕޮއިންޓްގެ ތަފާތުން ވާދަވެރި ޓީރެކްސް ބަލިކޮށްގެންނެވެ. ދެވަނަ ބުރުގައި ޓީރެކްސްގެ މައްޗަށް ރޭ ކިންގްސް ބީސީ ކުރި ހޯދީ 78 ޕޮއިންޓް، 71 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ ނިކޮލާއެވެ. 

ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ރެޕްޓާސްގެ މިލޮރާޑް، ދަ ބައުސްގެ އަބުދުﷲ އަމްޒަރު، ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ދުސާން، ކިންގްސްގެ މުޙައްމަދު ބިލާލު އަދި އަހުމަދު ފިރާޝްއެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކީ ޓީރެކްސްގެ އިބްރާހީމް ރަޝްވާންއެވެ.