ތަރައްްޤީ

އެމްއޭސީއެލްގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދެނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑް، އެމްއޭސީއެލްގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ނިންމާފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން މިގޮތަށް ހާމަކޮށްފައިވަނީ، އެކުންފުނީގެ "އެމްޑީ އެވޯޑްސް" ހަފްލާގައެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، މުއައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަށެވެ. މިގޮތުން މިހާރު މިކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއިއެކު މަޝްވަރާތައް ކުރައްވަމުން އަންނަކަމަށް އާދިލް ވިދާޅުވިއެވެ. 

އެމްއޭސީއެލްއިން އެކުންފުނީގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ނިންމީ، ބޯހިޔާވަހިކަމަކީ މުއައްޒަފުން އެންމެބޮޑަށް ބޭނުންވާ ކަންތައްކަމަށް ވާތީއެވެ. 

މިގޮތުން ކުރިއަށްއޮތް އަހަރު ނިމެންވާއިރަށް މިކަމަށް އަމަލީ ސިފަ ގެންނާނޭކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ. 

" އެތައް ސަތޭކަ މުއައްޒަފުންތަކަކަށްމިކަމުގެ ސަބަބުން ފައިދާތައް ލިބިގެންދާނެ. މިކަމަކީ މުއަޒަފުންނަށް ކުންފުނީގެފަރާތުން ކޮށްދޭ ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްޔާ މިކަންތައްތަ މިއަންނަ އަހަރު ނިމުމުގެ ކުރިން ބައެއްމުއައްޒަފުންނަށް ނަމަވެސް އޭގެ މަންފާ ލިބިގެންދާނޭކަމަށް. ކުރިއަށްއޮތް ތަނުގައި މިކަމުގެ އިތުރު ތަފްސީލް ހާމަކުރާނަން" އާދިލް މޫސާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކުންފުނީގައި 2700 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތް ކުރެއެވެ. އެމްއޭސީއެލްއިން ވަނީ އެމްޑީ އެވޯޑު ނައިޓްގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުއައްޒަފުން ހޮވައި އެމްޑީ ދެއްވާ ހާއްސަ އެވޯޑުތައް އެ މުއައްޒަފުންނަށް ދީފައެވެ. މުއަޒަފުންނަށް މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާއެވެ.