ތަރައްްޤީ

ހުއިފިލަނޑާ އާލާކުރުމުގެ މަޝްރޫޢު ލ.މާބައިދޫގައިވެސް ފަށަނީ


މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވަލޮޕްމަންޓް ޕްރޮޖެކްޖްގެ ދަށުން ހިންގާ ހުއިފިލަނޑާ ބޮޑުކުރުމުގެ ޕްރޮޖެކްޓް ހައްދުންމަތީ މާބައިދޫގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

މެރިކަލްޗަރ އެންޓަރޕްރައިޒް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވަޕޮލްމަންޓް "އިފާޑާ"އި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިއަންގެންދާ ޕޮރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން ލ.އަތޮޅުގެ ތިން ރަށެއްގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެއީ ދަނބިދޫއާއި، ކަލައިދޫގެ އިތުރުން އިސްދޫގައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ މި ރަށްރަށަށް އާންމުކޮށް ހުޅުވާލައިގެންނެވެ. މާބައިދޫގައި މި މަސައްކަތް ފެށުމުގެ ގޮތުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރިފަރާތްތައް ހޯދުމަށް މިހާރުވަނީ އިޢުލާންކޮށްފައެވެ. 

މި މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދަނީ ރާއްޖޭގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަމުންއަންނަ އަޙުމަދު އިބްރާހިމް ނުވަތަ ކަނދޮޅުދޫ ދޮންބެެއާއި ގުޅިގެންނެވެ. އިސްދޫގައި މި މަޝްރޫޢު އިފްތިތާހުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ކުރިން ހީކުރި ވަރަށް ވުރެ ރަނގަޅަށް މި ރަށްރަށުގައި މި މަޝްރޫޢު ކުރިއަށްދާކަމަށެވެ. 

"ކޮށްޓަކަށް ބަލައިފިކަމަށްވަންޏާ ހައެއްކަ ނުވަތަ އަށެއްކަމަސް ދުވަހުގެ ޚަރަދަށް 3000ރ ވެސް ނުދާނެ. ކާއެއްޗެހީގެއަގު އެއީ. ކެޕިޓަލް އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެން މި ދެނީ 3250 ކުދި ހުއިފިލަނޑައާއި، ކޮށްޓަށްދާ ހުރިހާ ޚަރަދެއް. އެއީ 50ހާސް ރުފިޔާގެ ލޯނެއް. އެ ލޯން އެބޭފުޅުންނަށް ދިނުމުގެ ބަދަލުގައި އަޅުގަނޑުމެން ޓެކްނިކަލް ބަޔަކުލައްވާ މި ޕްރޮވައިޑުކޮށްދެެނީ މި މަސައްކަތައް ބޭނުންވާ ސާމާނު. އެހެންވީމަ ޓެކްނިކަލީ މިކަމުގައި އުޅުއްވާ އަމިއްލަ ފަރާތުން އައިސް ކޮށިތައް އަޅައިދީ ހުންނަންވީގޮތްތައް ކިޔައިދީ ކުދި ހުއިފިލަނޑާދީ ހުރިހާކަމެއް މި ކޮށްދެނީ". މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. 

ލ. އަތޮޅުގައި ތިން ރަށެއްގައި މި މަސައްކަތް ފަށާފައިވާއިރު މި ތިންރަށުގައި ވެސް މި މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ ކޮށިތަކަށް މިހާރު ވަނީ ކުދި ހުއިފިލަނޑާ އަޅާފައެވެ. ހުއިފިލަނޑާ ވިއްކާވަރަށް ބޮޑުވަނީ 500 ގްރާމް ހަމަވުމުނެވެ. 500 ގްރާމަށް ހުއިފިލަނޑާ ބޮޑުވާން ގާތްގަނޑަކަށް 8 މަސްދުވަސް ހޭދަވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ލަފާކުރެއެވެ.