ޚަބަރު

އަމާންކަން ނަގާލަން ފުރުޞަތު ނުދީ އެއްބައިވަންތަވުމަށް ގޮވާލައިފި


ޤައުމު ބައިބައިކޮށް ޤައުމުގެ ތަނަވަސްކަން ނަތްތާލަން އުޅުމަކީ ޤައުމުގެ އަމްނާ އަމާންކަން ބަލި ކަށިކުރަން ކުރެވޭ މަސައްކަތެއްކަމުން އެކަމަށް ފުރުޞަތު ނުދީ އެއްބައިވަންތަކަން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އިންސާނުންގެ ބޮލުގައި އެޅިފައިވާ އެއްބައިވަންތަކަމުގެ އަމާނާތަށް ޚިޔާނާތްތެރިނުވުމަށްވެސް މިއަދުގެ ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

އިސްލާމްދީނުގައި ވެރިކަމުގެ ނިޒާމު މި މައުޟޫއަށް ކީރިތި ޤުރުއާނާއި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިވަސައްލަމްގެ ހަދީސް ބަސްފުޅުތަކުން ދަލީލުތައް ހިމަނުއްވައިގެން ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުތުބާގަވަނީ، އިސްލާމީ ވެރިކަމުގައި ޝޫރާ ނުވަތަ މަޝްވަރާގެ މުހިންމާއި އޭގެ މަޤާމު ހާމަކޮށްދެއްވާފައެވެ. ޝޫރާއަކީ، މުޅި ސިޔާސީ ބައްޓަންކަމަށާއި، އިސްލާމީ އުންމަތުގެ ހާކިމުން އައްޔަންކުރުމާއި، އުންމަތުގެ ބޮޑެތި ކަންތައްތަކުގައި އުންމަތުގެ ރަޢުޔާއި ޚިޔާލު ހޯދުމުން މުހިންމުކަމުގައި ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ.

އިންސާނާގެ ޤަދަރާއި މާތްކަމާއި ހައިބަތު އޮންނާނީ އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުގެ ތެރޭގައި ބަނދެވިފައިކަމަށާއި، އިސްލާމީ ވެރިކަމުގެ ނިޒާމު އައިސްފައިވަނީ މާތް ﷲގެ މިންހާޖެއްގެ ގޮތުގައިކަމަށް ޚުތުބާގައިވަނީ ހަނދުމަކޮށްދެއްވާފައިވެއެވެ. ވެރިންނަށް ކިޔަމަން ގަތުމުގެ ސަބަބުން ފަރުދުންނާށާއި، މުޖުތަމައަށް ކުރާނެ ރަނގަޅު އަސަރުކަން ރަސޫލުﷲގެ ފާނުގެ ހަދީސްފުޅުތަކުގެ އަލީގައި މިއަދުގެ ޚުތުބާގައިވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ޤައުމުގެ އެއްބައި ވަންތަކަމަކީ، އެންމެންގެ ބޮލުގައި އެޅިފައިވާ އަމާނާތެއްކަމާއި، ﷲ ގެ ހަޟުތަރުގައި މި އަމާނާތައް އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ޤައުމު ބައިބައިކޮށް ޤައުމުގެ ތަނަވަސްކަން ނައްތައިލަން އުޅުމަކީ ޤައުމު ގެ އަމްނާއި އަމާންކަން ބަލިކަށިކުރަން ކުރެވޭ މަސައްކަތެއްކަން ޚުތުބާގައިވަނީ ހާމަކޮށްފައެވެ. 

ހާކިމާއަކީ މާތް ﷲ ދެއްވި ނިއުމަތަކަށްވާތީ އެ ނިއުމަތަށް ޝުކުރުވެރިވުމަށް މިއަދުގެ ހުތުބާގައި ގޮވާލާފައިވޭ. އަދި ޝުކުރުވެރިވުމަކީ އެ ނިއުމަތުގެ ބޭނުން ރަގަޅު ގޮތުގައި ހިފުންކަމަށްވެސް ހުކުރު ހުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.