ތަރައްްޤީ

ރާއްޖޭގައި ކުނި އުފައްދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް


އާބާދީ ކުޑަ ޤައުމަކަށްވީނަމަވެސް ރާއްޖޭގައި ކުނި އުފައްދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށްކަމަށް ޑެޕިއުޓީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ޢަލީ އާމިރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެންވައިރަންމެންޓުން ހެދި ސަރވޭއަކުން ދައްކާގޮތުގައި މާލެ ސަރަޙައްދުގައި ބޮލަކަށް ދުވާލެއްގެ މައްޗަށް 1.2 ކިލޯގެ ކުނި އުފައްދައެވެ. ރަށްރަށުގައި ބޮލަކަށް ދުވާލަކު 800 ގުރާމްގެ ކުނި އުފައްދާއިރު މިޢަދަދު ރިސޯޓުތަކުގައި އުޅެނީ ހައިރާންވާހައި މަތީގައެވެ. އެއީ ދުވާލެއްގެ މައްޗަށް ބޮލަކަށް 3.5 ކިލޯގެ ކުންޏެވެ. މާލޭގެ އާބާދީ ސަތޭކަ ފަންސާސް ތިންހާހަށްވުރެ މައްޗަށް އަރާއިރު ދުވާލެއްގެ މައްޗަށް މާލޭ ސަރަޙައްދުގައި ސަތޭކަ އައްޑިހަ ހަތަރު ޓަނުގެ ކުނި އުފައްދައެވެ. އެއީ އަހަރެއްގެ މައްޗަށް ހަތްދިހަ ހާސް ޓަނުގެ ކުންޏެވެ. 

ރަށްރަށުގައި ދުވާލެއްގެ މައްޗަށް ސަތޭކަ ނުވަދިހަ ހަތަރު ޓަނާއި ދުއިސައްތަ ޓަނާ ދެމެދުގެ ޢަދަދަކަށް ކުނި އުފައްދައެވެ. އެއީ އަހަރެއްގެ މައްޗަށް ހަތްދިހަ އެއްހާސް ޓަނުގެ ކުންޏެވެ. ރާއްޖޭގެ ރިސޯޓުތަކުގެ ނިސްބަތުން ދުވާލަކަށް ފަންސާސް އަށް ޓަނާއި ފަސްދޮޅަސް ޓަނާއި ދެމެދުގެ ޢަދަދަކަށް ކުނި އުފައްދައެވެ. އެހެންކަމުން އަހަރެއްގެ މައްޗަށް ރިސޯޓުތަކުން އެކާވީސް ހާސް ޓަނުގެ ކުނި އުފައްދައެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ސަރވޭއިން ދައްކާގޮތުގައި ރާއްޖޭގައި އުފައްދާ ކުނީގެ ތެރޭގައި ނިސްބަތުން ގިނައީ ގޭތެރޭގައި އުފައްދާ ކުންޏެވެ. އަދި މިނިސްބަތް ރޯދަމަހު ދެގުނަ އިތުރުވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މީގެ އިތުރަށް ޢިމާރާތްކުރުމުގެ ސިނާޢަތުގައި ނުވަތަ ސީ.އެންޑް.ޑީ ވޭސްޓްގެ ގޮތުގައި ދުވާލެއްގެ މައްޗަށް ސަތޭކަ ފަންސާސް ޓަނުގެ ކުނި ރާއްޖޭގައި އުފައްދައެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ސަރވޭއިން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް ރާއްޖެއިން ސަތޭކަ ހަތްދިހަ ހާސް ޓަނުގެ ކުނި އުފައްދައެވެ. ޑެޕިއުޓީ އެންވަޔަރަމެންޓް މިނިސްޓަރ ޢަލީ އާމިރު ވިދާޅުވީ އާބާދީއާއި ބިމުގެ ސަތަޙަ ކުޑަ ޤައުމަކަށް ބަލާއިރު ރާއްޖޭގައި ކުނި އުފައްދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށްކަމަށެވެ.

"ދުނިޔޭގެ އެކި ތަންތަނުގައި، އެންމެ ފެންވަރު ރަނގަޅުކޮށް މިކަންކުރާ ތަންތަނުގައި ވަރަށް ބައިވަރު ބައިބަޔަށްބަހާ، މައިގަނޑު ދެބަޔަކީ އަމިއްލަޒާތުގައި ނެތިފަނާވެދާ އެއްޗިއްސާއި އެނޫން އެއްޗިހި، އެނޫން އެއްޗިހީގެ ތެރޭގައި ވަރަށް ގިނަ ބައިތައް ހިމެނޭ. އޭގެތެރޭގައި އެއްބަޔަކީ ބިއްލޫރި، އަނެއްބަޔަކީ ޕްލާސްޓިކް، އަނެއްބަޔަކީ ކަރުދާސް ޒާތުގެ އެއްޗިހި، އޭގެ އިތުރަށް އިލެކްޓްރޯނިކް ވޭސްޓް ކިޔާ އީ-ވޭސްޓްގެ ބާވަތްތައްވެސް ހިމެނޭ. އެތަނެއްގައި ވަޞީލަތްތައް ޤާއިމްވެފައި ހުންނަ މިންވަރެއްގެ މައްޗަށްބަލާ ވަރަށް ގިނަ ބައިތަކަކަށް ބެހިގެންދޭ." އެންވައިރަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވިއެވެ.



ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން އެންމެ މަދުން ކުނި އުފައްދާ ސަރަޙައްދަކީ ދެކުނު އޭޝިއާ ސަރަޙައްދެވެ. މިސަރަޙާއްދުގެ ޤައުމުތަކުގައި އެވްރެޖްކޮށް ކުނި އުފައްދަނީ ބޮލަކަށް ދުވާލެއްގެ މައްޗަށް ހަތްސަތޭކަ ގުރާމްގެ ކުންޏެވެ. ރާއްޖޭގައި ކުނި އުފައްދާ މިންވަރު މި ޞަރަޙައްދުގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ގިނަކަން ޑަބްލިއު އެޗް.އޯގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.