ޚަބަރު

ރައީސް ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަހާ ޖައްރާފް އިފްތިތާހުކޮށްދެއްވާ، ކުޅުދުއްފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފަށްޓަވައިދެއްވާފައެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރު އޮގަސްޓު މަސް ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގައި ފްލައިޓު ޖައްސާނެކަމުގައި ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި އެމް.ޓީ.ސީ.ސީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ، މަހާ ޖައްރާފަކީ އީޒީ ޑްރެޖް ސީރީސްގެ އެންމެ ބޮޑު ޑްރެޖަރެވެ. އަދި، މިއީ ދުނިޔޭގެ ފެންވަރުގެ ޑްރެޖިންގް އިކުއިޕްމަންޓް ހިމެނޭ ގޮތަށް ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގޭ ގޮތަށް ފަރުމާކުރެވިފައިވާ ޑްރެޖަރެކެވެ.