ކުޅިވަރު

ރަންބޫޓް ހޯދާނެކަމަށް ބުނެ ރޮނަލްޑޯ ބެޓްކޮށްފި


ބާސެލޯނާގެ ލަޔޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު މި ސީޒަނުގެ ރަންބޫޓު ހޯދާނެ ކަމަށް ބުނެ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޓީމުގެ ކުޅުންތެރިންނާ ބެޓްކޮށްފިއެވެ.

ރެއާލް މެޑްރިޑާ ވަރަށް ގާތް ގުޅުމެއް އޮންނަ ނޫސްވެރިއަކު ސްޕޭނުގެ ރޭޑިއޯ އަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ރޮނާލްޑޯ ބެޓް ކުރީ ޗޭންޖިން ރޫމުގައި ކަމަށެވެ. އެއީ މެސީ އަށްވުރެ 11 ގޯލުގެ ތަފާތުން ރަންބޫޓު ހޯދުމަށެވެ.

ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓަށް ރޮނާލްޑޯ ބެޓްކުރިއިރު މެސީ އާއި އޭނާއާ ދެމެދު މިހާރު ވެސް 11 ގޯލުގެ ފަރަގެއް އެބައޮތެވެ. މި ސީޒަނުގައި މިހާތަނަށް މެސީ 12 ގޯލު ޖަހާފައިވާއިރު ރޮނާލްޑޯ އަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. ނަމަވެސް ނޫސްވެރިޔާ ބުނީ ރޮނާލްޑޯ ހުރީ ދޫދޭގޮތަކަށްނޫން ކަމަށާއި 11 ގޯލުގެ ފަރަގެއް އޮތް ނަމަވެސް ވެސް މެސީ ފަހަތަށް ޖައްސާލެވޭނެ ކަމުގެ ޔަގީންކަން ރޮނާލްޑޯ އަށް އެބައޮތް ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ފަސް ފަހަރު ހޯދާފައިވާއިރު، ރޮނާލްޑޯ ވަނީ މި އިނާމް ހަތަރު ފަހަރު ހޯދާފައެވެ. މި އަހަރު އޭނާ އަށް މި އިނާމް ލިބިއްޖެނަމަ ދެ ކުޅުންތެރިން ހަމަހަމަވާނެއެވެ.