ޚަބަރު

ދީނާ ދެކޮޅު އަމަލުތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ


ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމަތްކުރުން، ރާއްޖޭގައި އާންމުވަމުންދާތީ އެކަން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މީނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ބަޔަކު މީހުން މާތްވެގެންވާ އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވާލައި މީހުންނަށް ދީނުގެ ހަޤީޤަތް އޮޅޭގޮތަށް ވާހަތައް ފަތުރަމުންދާކަމަށެވެ. އަދި ކަމާގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަމަށާ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގެ ވަސީލަތައް ބޭނުންކޮށްގެން ހިންގާ މިފަދަ ނޭއްޤާނީ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މީގައި ފާހަގަކޮށްލަން ޖެހޭކަމަކީ، ޚާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަށް ދިވެހިބަހުން އެކަލޭގެ ފާނަށް ފުރައްސާރަކޮށް، މަލާމަތްކޮށް،  އަދި އެކަލޭގެ ފާނުގެ ކާޓޫނު ކުރެހުން ފަދަ ކަންކަން ސޯޝަލް މީޑިއާގައި އާންމުވަމުންދާތީ، އަދި އިސްލާމް ދީނަށް ހުތުރުވާގޮތަށް ދީނުގެ ޙުކުމްތައް އޮޅުވާލާ މީހުންނަށް އޭގެ ހަޤީގަތް ރަނަގަޅަށް ނޭނގޭގޮތަށް ވާހަކަތައް ފެތުރެމުންދާތީ އެކަންކަން ހުއްޓުވުމުގެ ގޮތުން" މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ނަމުގައި ފަތުރަމުންދާ ސައްޚަ ނޫން މަޢުލޫމާތުތައް ހުއްޓުވުމަށް މިއަދުން ފެށިގެން މަސައްކަތްތަކެއް ކުރާނެކަން މިނިސްޓްރީން ބުނެއެެވެ. އަދި ޖިހާދުގެ ނަމުގައި ހަނގުރާމަތަކަށް ބައެއް މީހުންދާ ދިއުން ހުއްޓުވާ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖިލީހުގެ ރައީސް އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ދީނައް ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ހަމައެކަނި މިއަދު ހިނގާކަމެއް ނޫންކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށް އޭރަކަށް އެންމެ އެކަށީގެން ގޮތަކަށް ސަރުކާރުން ފިޔަވަޅު އަޅުއްވާފައިވާކަމަށެވެ."އަޅުގަނޑުމެންގެ ތެރޭގައި މައްސަލައެއް އުފެދުނަސް، އެކަންތައް އިސްލާމީ ގިއުގަނޑުގެ ތެރެގައި ހައްލުކުރަން ޖެހޭނެ. ކޮންމެކަމަކަށްވެސް ހައްލެއް އޮންނާނެ. އެއީ ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް އިސްލާމީ ޝާރީއަތުގައި ކަނޑައޅުއްވައި އަންގަވާފައިވާ، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި އެބަހުރި ދައްކަވާފައި. އެހެންވީމަ އަޅުގަނޑުމެން އެގިއުގަނޑުގެ ތެރެއިން ބޭރުނުވެ އަޅުގަނޑުމެން މަސައްކަތްކުރީމަ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެންމެނަކީ އަޚުންތަކަކަށްވީމަ އެކަން ހައްލު ކުރެވޭނެ". އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.

ހޭލުންތެރިކުރުވުމާއި، ދީނުގެ ނަމުގައި ކުރިއަށްގެންދާ އަމަލުތައް ހުއްޓުވުމަށް އެހެން އިސްލާމީ ޤައުމުތަކުގައި އަމަލުކުރުންދާ ގޮތްތައް ބަލަައި ދިރާސާކުރަމުންދާކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެއެވެ.