ސިއްހަތު

މޯލްޑިވްސް މެޑިކަލް ހެލްތް އެކްސްޕޯ ރަސްމީކޮށް އިފްތިތާހްކޮށްފި


މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2017 ފަށައިފިއެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސިއްޙީ ޙިދުމަތްދޭ ކުންފުނިތަކުން ބައިވެރިވެއެވެ.

މިއީ މި އެކްސްޕޯ ބާއްވާ ދެވަނަ އަހަރެވެ. މި އެކްސްޕޯގެ ސަބަބުން އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކާއި ވިއްކާ ތަކެތީގެ މަޢުލޫމާތު ލިބިގެންދާނެއެވެ. މި އެކްސްޕޯގައި 15 ސްޓޯލް ބަހައްޓާފައިވެއެވެ.

އާއްމުކޮށް ދިވެހިން ސިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރަމުންދާ ޤައުމުތަކުގައި މި ޚިދުމަތް ފުޅާވަމުން އަންނައިރު އެ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނަށް ފުރިހަމައަށް ދިނުމަކީ އެމްވީ މެޑިކަލްގެ މައިގަނޑު އެއް ޢަމާޒެވެ. މިގޮތުން އެމްވީ މެޑިކަލުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުމާއި އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ މުހިންމު އެކްސްޕޯއެވެ. މި އެކްސްޕޯގައި އިންޑިއާ، ސްރީލަންކާ އަދި ތައިލެންޑް ފަދަ ޤައުމުތަކުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި، ސަރޖަރީގެ ޚިދުމަތްދޭ ފަރާތްތަކާއި، ކެންސަރާއި، އަންހެނުންގެ ޚާއްސަ ބަލިތަކާއި، ކުއްލި ފަރުވާއާއި ފިޓްނައްސްއާއި ގުޅޭ މަޢުލޫމާތުދޭ ސްޓޯލްތައް އެކްސްޕޯގައި ހިމަނާފައިވެއެވެ.

އާޓް ގެލްރީގައި ކުރިއަށްދާ މި އެކްސްޕޯ އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އެކްސްޕޯ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ޚިދުމަތެއްވެސް ބިނާވެގެންވަނީ އެ ޚިދުމަތަކަށް ޚިދުމަތް ލިބިގަންނަ ފާރާތުންކުރާ އިތުބާރުގެ މައްޗައްކަމަށެވެ.

"ރައްޔިތުން މިދާއިރާއަށް ކުރަމުން އަންނަ އުއްމީދު އިތުރުވެ، ސަރުކާރުން ހެލްތް ސެކްޓަރ ފުޅާކުރުމަށް ބޮޑެތި އިންވެސްޓްމަންތައް ކުރަމުން އަންނައިރު އެ ޚިދުމަތްތަކުގެ މަޢުލޫމާތު ފޮރުކޮށްދިނުމަށް މިފަދަ އެކްސްޕޯތައް ބޭއްވުން މުހިންމު.  މިފަދަ އެކްސްޕޯތަކުން ހުޅުވައިދޭ އެންމެ މުހިންމު ފުރުޞަތަކީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޚީދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބުން" ހެލްތް މިނިސްޓްރ ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވިއެވެ.

މި އެކްސްޕޯ އިންތިޒާމްކުރާ އެމްވީ މެޑިކަލްގެ މަރކެޓިންގ އެންޑް ޕީއާރް ޢަބްދުލް ޖަލީލް ޙުސައިން ވިދާޅުވީ މިދާއިރާގެ ޚިދުމަތްތަކާއި ގުޅުުންހުރި ފުރިހަމަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަމަށެވެ. އެހެންކަމުން މި އެކްސްޕޯއިން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހޯދަންދާ ފުރިހަމަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން ބައެއް ފަރާތްތަކުން އެބަހުރި ޚިދުމަތް ނުލިބި އަންބުރާ ރާއްޖެ އަންނަންޖެހިފަ. މިއީ ސިއްޙީ ގެއްލުމުގެ އިތުރުން ޚަރަދުގެ ގޮތުން ބެލިނަމަވެސް ގެއްލުން ބޮޑުކަމެއް" އަބްދުލް ޖަލީލް ވިދާޅުވިއެވެ.

މި އެކްސްޕޯއަކީ އެމްވީ މެޑިކަލްސްއާއި، މެޑިލައިފް އޭޝިއާ ގުޅިގެން އިންތިޒާމްކުރާ އެކްސްޕޯއެކެވެ.