ތަޢުލީމު

19 ޒުވާނަކަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ފުރުޞަތު ދީފި


ދިރާގުން ބާޢްވާ އެޕްރެންޓިޝިޕް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު 19 ޒުވާނަކަށް ދީފިއެވެ.

ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ މި ޕްރޮގްރާމްގެ ދަށުން 22 ޒުވާނަކު ވަނީ ދަސްވެނިވެފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ ޒުވާނުން ކުރިއަރުވައި ބާރުވެރިކުރުވުމުގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ވަޒީފާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ދަސްކޮށްދެއެވެ. މި ޕްރޮގުރާމްގެ ދަށުން 22 ޒުވާނަކު ދަސްވެނިވެ ސެޓްފިކެޓް ހާސިލްކޮށްފައިއެވެ.

މި ޒުވާނުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޝަތު ޝިހާމް ވިދާޅުވީ އިންޓަނެޓަކީ މިއަދުގެ ދުނިޔޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއްކަމަށެވެ. އިންޓަނެޓް މެދުވެރިވެގެން ތަޢުލީމު ދިނުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށާއި އެކަމަށް ސަމާލުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ މުވައްޒަފުންގެ ތެރޭގައި 99 އިންސައްތަ ދިވެހިން ހަރަކާތްތެރިވުމަކީ ދިރާގުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއްކަމަށެވެ. އަދި މިޕްރޮދުރާމްގެ ބައިވެރިންނަށް ދިރާގުގެ މުވައްޒަފުންނާއިއެކު އެ ކުންފުނިން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. ދިރާގުން އަތޮޅުތެރޭގައި ހިންގާ 9 ސްޓޭޝަނުގައިވެސް ހަރަކާތްތެރިވުމުގެ ފުރުޞަތު މި ޕްރޮގުރާމްގެ ދަށުން ލިބިގެންދާނެކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 168 ޒުވާނަކު ވަނީ ދަސްވެނިވެފައެވެ. މީގެ ތެރެއިން ގިނަ ޒުވާނުން މިހާރު އަންނަނީ ދިރާގުގެ އެކި ވަޒީފާތައް އަދާކުރަމުންނެވެ. އަދި އެހެން ބޮޑެތި ކުންފުނިތަކުގައިވެސް ދިރާގު އެޕްރެންޓިޝިޕް ޕްރޮގުރާމްގެ ދަސްވެނިން ވަޒީފާ އަދާކުރަމުން އަންނަކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.