ސިޔާސީ

ޤާނޫނު އަސާސީ އިޞްލާޙުނުކޮށް ނަޝީދަށް ވާދަނުކުރެވޭނެ- ޝައިނީ


އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިނަމަވެސް ޤާނޫނު އަސާސީ އިސްލާޙު ކޮށްގެން ނޫނީ އެފުރުސަތު ނެތްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަމިއްލަ މީޑީއާއަކަށް ދެއްވި އިންޓަރވިއުއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތައް ހިމެނޭ އިއްތިހާދުގެ ކެނޑިޑޭޓަށް ވެއްޖެނަމަ ރައީސްގެ މަޤާމުގައި ދެމި ހުންނަވާނީ އެއް އަހަރު ދުވަހުގެ މުއްދަތަށްކަމަށް ނަޝީދު ވިދާޅުވެފައިއެވެ.

ނަޝީދުގެ މިވާހަކަތައް ރައްދުދެއްވާ ޑރ ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ބޭރުގެ ނުފޫޒާއެކު ރައީސް ނަޝީދަށް ވާދަކުރެވޭނެކަމަށް ޤަބޫލުކުރެއްވި ނަމަވެސް، ޤާނޫނު އަސާސީ އިޞްލާޙުނުކޮށް އެކަން ނުވާނެކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބު އޮންނާނީ ރާއްޖޭގެ ޤާނޫނު އަސާސީގައި ވާ ގޮތަށްކަމަށާއި އެކަމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މަޝްވަރާއެއް ބޭނުން ނުވާކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.

tw:https://twitter.com/mshainee/status/928162639225561088

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އިރު، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ޙައްޔަރުކުރިކަމުގެ ކުށް ސާބިތުވެ ނަޝީދުގެ މައްޗަށް ވަނީ ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.

tw:https://twitter.com/mshainee/status/928158332874919937

ޤާނޫނު އަސާސީގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކަށް ނޫނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށެވެ. އަދި  އިސްލާމްދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތިވެފައިވާ މީހަކަށްވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށްވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.