ޚަބަރު

މިޔަރުގެ ބާވަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ނެރެފި


ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މިޔަރުގެ ބާވަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓްގެ ތެރެއިން ބޭއްވި ހަފްލާއެއްގައި މި ފޮތް ނެރެދެއްވީ ރާއްޖޭގެ ބަންޑާރަނާއިބް އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ.

ޝާކްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ނެރެފައިވާ މި ފޮތަކީ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މިޔަރާއި ބެހޭ ގޮތުން ކޮށްފައިވާ ދިރާސާތަށް ހިމަނައިގެން ނެރެފައިވާ ފޮތެކެވެ. މިއީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރުތަކުގެ މަޢުލޫމާތުތަކަށް ޚާއްސަ ފޮތެއް ނެރުނު ފުރަތަމަފަހަރެވެ.

img:http://s4.psmnews.mv/images/660x400/15100686232698.jpg|

މި ފޮތާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ މެރިން އިކޮލޮޖިސްޓް ޕައޮލޯ ގާލީ ބުނީ މިފޮތުގައި މިޔަރާއި ބެހޭ ތަފާތު މައުލޫމާތުތައް ހިމެނޭނެ ކަމަށެވެ. އަދި މި ފޮތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް މުޙިއްމު ފޮތެއް ކަމަށް ވިދާޅުވިއެވެ. އަދި މި ފޮތް ވިއްކައިގެން ލިބޭ ފައިސާގެ ބައެއް ހަރަދު ކުރާނީ މިލާނޯ ބިކޯކާ ޔުނިވަރސިޓީގައި ކިޔަވަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށްގެން ސްކޮލަރޝިޕް ދިނުމަށް ކަމަށް ޕައޮލޯ ބުންޏެވެ.

މި ފޮތް ލިޔެފައިވަނީ އަލެސަންޑްރޯ ޑި މަޑަލޭނާ ނަމަކަށް ކިޔާ ފަރާތެއް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މިޔަރާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށެވެ. އެމޭޒެން ޑޮޓް ކޮމް އާއި ރާއްޖޭގެ ރިސޯޓްތަކުން ފަތުރުވެރިންނަށް މި ފޮތް ގަންނަން ލިބޭނެ ކަމަށް ޕައޮލޯ ބުންޏެވެ.