ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއާ ސަރުކާރާ ގާތް ގުޅުމެއް އޮވޭ- އަފީފް


ރާއްޖޭގެ ފަތުރުވެރިކަން މިހާ ބޮޑަށް ކުރިއަރައިގެން ގޮސްފައި މިވަނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއި ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުންކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޗެއަރމަން ހުސެއިން އަފީފު ވިދާޅުވެއްޖެއެވެ.

މިހާރު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާރކެޓްގައި ރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ މީޑިއާތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން އަފީފު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވުމަށްފަހު މިވީ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގައި ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތަކުގެ ރިސޯޓުތަށް ހުޅުވިގެންދިއުމާއި، ރާއްޖޭގައި އެކި އެކި ކޮންސެޕްޓްތަކުގެ ރިސޯޓުތަށް މިހާރު އޮޕަރޭޓްކުރަމުންދާކަން އަފީފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ، ކުރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނީގެވެސް އިސް ބޭފުޅެއްކަމަށްވާ ހުސެއިން އަފީފް ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މިހާރު ތަފާތު އެކި ތަޖުރިބާތައް ކުރުމުގެ ފުރުސަތު ރާއްޖޭގައި ލިބެންހުރިކަމަށެވެ.

އަފީފް ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކުރުމަށް ބޭރުގެ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން ރާއްޖެއަށް އަންނަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ އިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ މާރކެޓްތަކަށްވެސް ބަދަލުތަށް އަންނަމުންދާކަމަށް އަފީފު ވިދާޅުވިއެވެ.

އެގޮތުން ތަފާތު އެކި މާރކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވަމުންދާކަން އަފީފު ފާހަގަކުރެއްވިއެވެ.