މުނިފޫހިފިލުވުން

ފިލްމު އެވޯޑްސްގެ އިންތިޒާމްތައް ހަމަޖެއްސުން ޕީއެސްއެމްއަށް


8 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޕަބްލިކް ސާރވިސް މީޑިއާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ކުރިމަގުގައި މިހާރަށްވުރެ ގިނަ ކަންތައްތައް އެންސީއޭއާއި ޕީއެސްއެމް ގުޅިގެން ކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި މިހާރުވެސް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއެކު ތަފާތު މަޝްވަރާތައް ކުރެވިފައިވާކަމަށާއި ޒުވާނުންނާގުޅޭ ކަންތައްތަކުގައި މިނިސްޓްރީން އިސްނަގައިގެން ކުރާ ކަންތައްތަކަށް މިހާރަށްވުރެ ބޮޑަށް ޕީއެސްއެމްއިން އެހީތެރިވެ، ބައިވެރިވެވޭނީ ކޮން ގޮތަކަށްތޯ ބަލާ އެކަމާ މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

''މި ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަންނަ މަހުގެ ނަވާރައިގައި ބާއްވާ ދިވެހި ފިލްމު އެވޯޑްސްގެ ހުރިހާ ކަމެއް، ކުރިއަށްގެންދާނަން. އޭގެ ތެރޭގައި އެވޯޑް ބާއްވާ ރަސްމިއްޔާތުގެ ސެޓުން ފެށިން އަދި އެހެނިހެން ކަންތައްތައްވެސް، ލައިވްކުރުންވެސް، ޕްރޮމޯޓްކުރުންވެސް، އަދި މިއާ ގުޅުންހުރި އިތުރު ވީޑިޔޯ އުފެއްދުމުގެ މަސައްކަތްތައްވެސް އަޅުގަނޑުމެން އެންސީއޭއާއި ގުޅިގެން ޕީއެސްއެމްއިން ކުރިއަށް ގެންދާނަން.'' އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15100656838058.jpg|ފިލްމު އެވޯޑްސްގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުންގެ އެކިއެކި ޙަރަކާތްތަކާއި ފަންނާނުންނާއި ފަންނުވެރިންގެ ހުނަރާއި މަސައްކަތް ފާހަގަކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއްކަމަށާއި ޚާއްސަކޮށް މިއީ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. މިގޮތުން ރައީސް ޔާމީންގެ ދައުރުގެތެރޭގައި ކޮންމެ އަހަރަކު، ދިވެހި ޤައުމީ ފިލްމު އެވޯޑްގެ ގޮތުގައި އެ ވޯޑް ދޭން ނިންމަވާފައިކަމަށް ވިދާޅުވިއެވެ. ކުރިން ޤައުމީ ފިލްމު އެވޯޑްގެ ގޮތުގައި އޮތް ފިލްމު އުފެއްދުންތެރިކަން، މިހާރު ދިވެހި ފިލްމު އެވޯޑްގެ ގޮތުގައި ބަދަލުވެފައިވާކަމަށާއި، އެން.ސީއޭއާއި ޕީއެސްއެމްގެ އެއްބާރުލުމާއި އެކީ ވަރަށް ފުރިހަމަ ގޮތެއްގައި މި ވޯޑް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދިވެހި ޒުވާނުން މިޔުޒިކްގެ ދާއިރާއަށް ނެރެން ޕީއެސްއެމް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައި. އަދި ދިވެހި ފަންނާނުންނަކީ ބައިނަލް އަޤްވާމީ ފެންވަރުގައިވެސް އެވޯޑްލިބޭފަދަ ބަޔަކަށް ހެދުމަށް ރައިސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެކިޙަފްލާތަކުގައި ބޭރުގެ ބޭންޑްތަކާއި ބޭރުގެ ފަންނާނުން ރާއްޖެ ގެނައުމުގެ ބަދަލުގައި ދިވެހި ފަންނާނުންނަށް އެ ފުރުސަތު ދިނުމަށް ބޭނުންވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/15100657111527.jpg|ފިލްމު އެވޯޑްސްގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މިފަދަ އެވޯޑް ދިނުމުގެ ބޭނުމަކީވެސް އެފަދަ ފަތާތްތަކަށް ހިތްވަރު ދިނުންކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުގައި ތަފާތު ހުނަރުތަކުގެ ފަރާތްތައް ތިބިއިރު އެންސީއޭއާއި ޕީއެސްއެމް ގުޅިގެން މިފަދަ ހަކަތާތްތަކުގައި ދިވެހި ފަންނާނުން ބިނާކޮށް ދިވެހި ޒުވާނުންނެރެ އެމީހުންނަށް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެގޮތަށް ހަމަޖައްސައިދިނުމަކީ ސަރުކާރުން ބޭނުންވާކަމެއްކަމަށްވެސް ވިދާޅުވިއެވެ.

''ރައިސް ޔާމިންގެ ސަރުކާރުން މިވަނީ ކުރީގެ ފަންނާބާނުންނަށް މުސާރަ ލިބޭ ގޮތަށް ހަމަޖައްސަވާ ދާއިމީ ގޮތެއްގައި އެފަދަ ފަންނާނުންގެ ބޭނުން ހިފޭ ގޮތަށް އަޅުގަނޑުމެންނަށް މި މަސައްކަތްތަކެއްވެސް ފަހިކޮށްދެއްވާފައި. އަދި އެ ފަންނާނުން މިއަދުވެސް، މިއަދު ސަރުކާރުން ރައިސް ދެއްވާ އެހީ ފުޅާއި އެ ޚިދުމަތް ތިބޭފުޅުން ގަބޫލުފުޅުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.'' މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

19 ޑިސެންބަރުގައި ބާއްވާ ދިވެހި ފިލްމީ އެވޯޑަކީ ބޭރު ތަންތަނުގައިވެސް ބާއްވާފަދަ އެވޯޑްއަކަށް ހެދުމަށް މިނިސްޓްރީން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 8 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެކި ކެޓަގަރީތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 15 ވަނަ ދުވަސް. އެހެންނަމަވެސް އެ މުއްދަތު އިތުރުކުރަން ބޭނުންނަމަ އެކަން ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.