ޚަބަރު

"ޓެރަރިޒަމާ ދެކޮޅަށް މުހިންމު ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މުހިއްމު ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދެކުނު އަދި އިރުދެކުނު އޭޝިޔާގެ ޤައުމުތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި ބާއްވާ ސަރަޙައްދީ ބައްދަލުވުން ފައްޓަވާ ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުން ކުރިއަށް ދަނީ ހޮލިޑޭއިން ކަނޑޫމާ މޯލްޑިވްސް ރިސޯރޓްގައެވެ.

މިސަރަޙައްދީ ބައްދަލުވުމަކީ ދެކުނު އަދި އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ ކައުންޓަރ ޓެރަރިޒަމް ދާއިރާގައި މަސައްކަތްކުރާ މައި އިދާރާތަކަށް ޢަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި، 16 ޤައުމަކުން 46 މަންދޫބުން ބައިވެރިވެއެވެ.

img:http://s1.psmnews.mv/images/660x400/15100446499643.jpg|

މިބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމްޝަރީފް އުމަރު ދެއްކެވި ވާހަކަފުޅުގައި، ޓެރަރިޒަމަކީ މިއަދު ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ކުރިމަތިލާން ޖެހިފައިވާ ނުރައްކަލެއް ކަމަށާއި، ޓެރަރިޒަމާއި ދެކޮޅަށް ހުރިހާ ޤައުމަކުންވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މުހިއްމު ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/15100447338660.jpg|

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ދޭދޭ ޤައުމުތައް މަސައްކަތްކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ހަދައި، އެއޮނިގަނޑުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް ހަރުދަނާކޮށް އެޅުން ކަމަށެވެ. އެގޮތުން، ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާއި، ޓެރަރިމާއި މިފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކުށްވެރިން ބަދަލުކުރުމުގެ އިޖުރާޢާތުތައް ފުރިހަމަކޮށް، ބައިނަލްއަޤްވާމީ އޮނިގަނޑުގެ ތެރެއިން މަޢުލޫމާތާއި ލިޔެކިޔުން ބަދަލުކުރެވޭނެ އިންތިޒާމުތައް އުފެއްދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި، މިފަދަ އުޞޫލުތައް އެކަށައެޅުމުގައިވެސް، އިންސާނީ ޙައްޤުތަކަށާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް ރިޢާޔަތްކުރުމާއެކު، އާދަޔާޚިލާފު ހަރުކަށި އަދި އެކަށީގެންނުވާ އުޞޫލުތައް ޚިޔާރުކޮށްގެން ނުވާނެކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15100446298129.jpg|

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ، ޓެރަރިޒަމްގެ މައްސަލަތަކުގައި ދޭދޭ ޤައުމުތަކުގެ ދެމެދުގައި، ރަސްމީ ލިޔެކިޔުމާއި، ތަޙްޤީޤީ ލިޔުންތައް ބަދަލުކުރުމާއި ބެހޭގޮތުންކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހަށެވެ. މި ބައްދަލުވުމަކީ އ.ދގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކްޓިވް ޑައިރެކްޓްރޭޓް، (ސީ-ޓެޑް) އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، (ޔޫ.އެން.އޯ.ޑީ.ސީ) ގުޅިގެނ ކުރިއަށްގެންދާ ބައްދަލުވުމެކެވެ.