ކުޅިވަރު

ބާސާއަށް ގެންނާނީ ފުރަތަމަ 11 ގައި ކުޅެވޭނެ ކުޅުންތެރިއެއް


ކުރިއަށް އޮތް ޖެނުއަރީ މަހު ބާސެލޯނާ އަށް ގެންނާނީ ފުރަތަމަ 11ގައި ކުޅެވޭ ފެންވަރުގެ ތަރިއެއް ކަމަށް އެ ޓީމުން ބުނެފިއެވެ.

ކޯޗު އެސްޓާނޯ ވަލްވާޑޭ ބުނީ ބެންޗުގައި އިންނަންޖެހޭ ފެންވަރުގެ ކުޅުންތެރިއަކަށް ބާސެލޯނާއިން ފުރުސަތު ނެތް ކަމަށެވެ. އެއަށްވުރެ ބޮޑަށް ޓީމުން ބަލަމުންދަނީ ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ކަމަށާއި ހަރަދު ކުރާނެ ފައިސާ ކުލަބުގައި އެބަހުރި ކަމަށެވެ.

ބާސެލޯނާއިން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ނަގާކިޔަނީ ދެ ކުޅުންތެރިއެކެވެ. އެއީ ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ ފިލިޕް ކޮޓީނިއޯ އާއި އެތްލެޓިކޯ މެޑްރިޑުގެ ފްރާންސް ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަންއެވެ. މީގެ ތެރެއިން ކޮޓީނިއޯ އަކީ މިދިޔަ ޖޫން މަހު ބާސެލޯނާއިން ގަތުމަށް ވަރަށް ބޮޑަށް މަސައްކަތަކުރި ކުޅުންތެރިއެކެވެ. އަދި ގްރިއެޒްމަން ބާސެލޯނާ އަށް އައުމަށް އެ ޓީމުގެ ތަރި ލަޔޮނަލް މެސީ ވަނީ ދައުވަތު ދީފައެވެ. މިކަމަށް ބާރު ދިނުމުގެ ގޮތުން ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމިއުލް އުމިޓީ ވެސް ވަނީ ގްރިއެޒްމަން އޭނާއާ އެއް ޓީމަކަށް ކުޅެން ބާސެލޯނާއަށް އައުމަށް އެދޭނެ ކަމަށް ބުނެ މީޑިޔާގައި ވާހަކަ ދައްކާފައެވެ.

ނޭމާ ޕީއެސްޖީ އަށް 222 މިލިއަން ޕައުންޑަށް ވިއްކާލައިގެން ލިބުނު ފައިސާގެ ބޮޑުބައެއް އަދި ބާސެލޯނާ ވަނީ ހަރަދުނުކޮށް ބަހައްޓާފައެވެ. މި ފައިސާއިން ގަތް އެންމެ މުހިންމު ކުޅުންތެރިއަކީ ބޮރޫޝިޔާ ޑޯޓްމުންޑްގެ ފޯވަޑް އޮސްމާނޭ ޑެމްބޭލޭއެވެ. ފުރަތަމަ ހަ މެޗަށް ފަހު ލިބުނު އަނިޔާގެ ސަބަބުން އޭނާ ގެންދަނީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް އަންނަ މަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލްކްލެސިކޯ މެޗަށް ޑެމްބޭލޭ ފިޓްވުމުގެ ފުރުސަތު ބޮޑު ކަމަށް ކޯޗު ވަނީ ބުނެފައެވެ. އެއީ އޭނާގެ ކަކުލަށް ލިބިފައިވަ އަނިޔާ ހީކުރިވަރަށްވުރެ އަވަހަށް ރަނގަޅު ވަމުން އަންނާތީއެވެ.